ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުން

17.20 ބީލަމާ ގުޅިގެން ގަވާއިދާ ޚިލާފުވާ މުވައްޒަފުންނާއި އެކަމުގައި ބައިވެރިވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅު

ތިރީގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ޢަމަލެއް ކޮށްފި ކޮންމެ މުވައްޒަފެއްގެ މައްސަލަ ނިންމާނީ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި އެ ޢަމަލެއް ހިންގުމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ އަދަދާ އެއްވަރުގެ އަދަދަކުން ޖޫރިމަނާކޮށްގެންނެވެ. އަދި މިފަދަ ޢަމަލެއް ގަސްދުގައި ކުރިކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އެ މައްސަލައެއް ނިންމާނީ ޝަރީޢަތަށް ހުށަހަޅައިގެންނެވެ.

  • ބީލަންތައް ހުޅުވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން، ބަންދުކޮށްފައިވާ ބީލަން ހުޅުވުމާއި، އިލެކްޓްރޯނިކް ވަސީލަތްތަކުގެ ޒަރީއާއިންނާއި ސިޓީއުރައިގައި ނުވަތަ އެފަދަ އެހެން އެއްޗެއްގައި ބަންދުކުރެވިގެން ހުށަހެޅޭ ސިއްރު މަޢުލޫމާތުތަކާއި ލިޔުންތައް ނުވަތަ އޭގެ ކޮޕީ ނުވަތަ އޭގައި ހިމެނޭ އެއްވެސް މަޢުލޫމާތެއް އެހެން ފަރާތަކަށް ފޯރުކޮށްދިނުން ނުވަތަ އަމިއްލަ ކަމަކަށް ބޭނުންކުރުން.

  • ބިޑު ހުށަހަޅާ ފަރާތަކީ ޤާބިލު ފަރާތެއްކަން ނުވަތަ ނޫންކަން ބެލުން މަޤުބޫލު އުޒުރެއްނެތި ލަސްކުރުމާއި، ބީލަންތައް ހުޅުވުމާއި، ބީލަންތައް ވަޒަންކުރުން އެކަށީގެންވާ ވަރަށްވުރެ ލަސްކުރުމާއި، ބީލަންތައް ކާމިޔާބުކުރި ފަރާތަށް އެކަން އެންގުން ލަސްކުރުމާއި، މަސައްކަތްކުރާ ފަރާތްތަކާ މަސައްކަތް ހަވާލުކުރަން ކަނޑައެޅިފައި އޮންނަ ވަގުތަށްވުރެ ލަސްކުރުން.

  • ވަކި ފަރާތަކަށް މަސައްކަތް ހޯދައިދިނުމަށް މަސައްކަތްކުރުމާއި، މިގޮތަށް ކަންތައްތައް ކުރުމަށް ބާރުއަޅައި ނޭޝަނަލް ޓެންޑަރ ބޯޑުގައި ހިމެނޭ މެންބަރުންގެ މައްޗަށް ނުވަތަ މުވައްޒަފުންގެ މައްޗަށް ބާރުފޯރުވުމާއި، ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން މަސައްކަތްކުރުން.

  • މި ގަވާއިދުގައިވާ ގޮތުގެމަތިން ބީލަމަށް ނުވަތަ ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅަންޖެހޭ މަސައްކަތްތައް އެގޮތުގެމަތިން ހުށަނާޅައި ފަރުޖެއްސުމުގެގޮތުން އެއް މަސައްކަތެއް ތަފާތު އެކިއެކި ބައިބަޔަށް ބަހާލައިގެން ކުދިކުދި ޕްރޮޖެކްޓުތަކެއްގެ ގޮތުގައި މަސައްކަތް ކުރުވުން.

  • މި ގަވާއިދާ ޚިލާފަށް ވަކި ފަރާތަކަށް މަސައްކަތް ދިނުމަށް މަގުފަހިކުރުމުގެގޮތުން، އޮފީހުގެ އިސްވެރިޔަކު ނުވަތަ މުވައްޒަފަކު މަޤާމުގެ ނުފޫޒު ބޭނުންކުރުން.

  • މި މާއްދާގެ (ހ) ، (ށ) ، (ނ) ، (ރ) ، އަދި (ބ) ގައި ބަޔާންކުރެވުނު ކުށްތައް މުވައްޒަފަކު ކުރުމުގައި އަމިއްލަ ފަރުދަކު ބައިވެރިވެފައިވާނަމަ، ނުވަތަ އެހީތެރިވެދީފައިވާނަމަ، އެފަރާތެއްގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުން.

  • މި މާއްދާގެ (ހ) ، (ށ) ، (ނ) ، (ރ) ، އަދި (ބ) ގައި ބަޔާންކުރެވުނު ކުށްތަކުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ ދައުލަތުގެ މުވައްޒަފުން، އެ މައްސަލަ ނިމެންދެން އެ މުވައްޒަފަކު އަދާކުރާ ވަޒީފާއަށް ނުނިކުންނަގޮތަށް ސަސްޕެންޑްކުރުން.