ދައުލަތުގެ އޮފީސްތަކުން ކޮންމެ ހަފުތާއެއްގެ ނިޔަލަށް ތިޖޫރީގައި ނުވަތަ އޮފީހުގައި ބަހައްޓާފައިހުރި ފައިސާގެ ހިސާބު (ނަގުދުފައިސާއިން ހުރި އަދަދާއި، ޗެކުން ހުރިވަރާއި، ބޭރުފައިސާ ހުރިނަމަ އޭގެ ކޮންމެ ވައްތަރެއް ވަކީން ހުރި އަދަދު) ބަލައި، ތިޖޫރީއާ ހަވާލުވެހުރި މުވައްޒަފުގެ އިތުރަށް އޮފީހުގެ އިސްމުވައްޒަފަކު އެ ހިސާބު ޗެކުކޮށް، ފައިސާ ގުނައި، އަދި އޮފީހުގެ މާލީޒިންމާދާރުވެރިޔާ އެ ހިސާބު ރަނގަޅުތޯ ބަލައި ޗެކުކުރަމުން ގެންދަންވާނެއެވެ.
ކޮންމެ މަހެއްގެ ނިޔަލަށް ތިޖޫރީގައި ނުވަތަ އޮފީހުގައި ހުރި ފައިސާގެ ރިޕޯޓު ތައްޔާރުކޮށް، ޗެކުން ހުރި ފައިސާގެ ތަފުސީލު، ޗެކު ނަންބަރުތަކާއި، ޗެކުގެ ތާރީޚު، އަދި ނަގުދުފައިސާއިން ހުރި އަދަދު އެނގޭނެގޮތަށް ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. ތިޖޫރީ ރިޕޯޓު ތައްޔާރުކުރަންވާނެ ގޮތް MG/BC24 ގައި ވާނެއެވެ.
ތިޖޫރީގައި ނުވަތަ އޮފީހުގައި ބަހައްޓާފައިހުރި ނަގުދުފައިސާގެ ތަފުސީލު، އެ ފައިސާއެއް އެކައުންޓުން ނެގި، ނުވަތަ އެ ފައިސާއެއް ބަލައިގަތް ތާރީޚު އެނގޭނެގޮތަށް، މަހުގެ ނިޔަލަށް ތިޖޫރީގައި ހުރި ފައިސާގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.
މި މާއްދާގެ (ށ) އަދި (ނ) ގައިވާ ގޮތުގެމަތިން ތިޖޫރީގައި ނުވަތަ އޮފީހުގައި ބަހައްޓާފައި ހުރި ފައިސާގެ ރިޕޯޓު (ތިޖޫރީގައި ހުރި ފައިސާގެ ހިސާބު) ހަފުތާއަކު އެއްފަހަރު އެ އޮފީހަކުން ތައްޔާރުކުރަމުން ގެންދަންވާނެއެވެ. އަދި ކޮންމެ މަހެއް ނިމުމުން، އެ މަހެއްގެ ރިޕޯޓު (ތިޖޫރީގައި ހުރި ފައިސާގެ ހިސާބު) ތައްޔާރުކޮށް، އެ އޮފީހަކުން ބަލަހައްޓަމުން ގެންދަންވާނެއެވެ.
މި މާއްދާގައި ބަޔާންކޮށްފައިވާ ތިޖޫރީ ރިޕޯޓުގައި، އޮފީހުގެ ފައިސާއާބެހޭ އިސްވެރިޔަކު ސޮއިކޮށްފައި އޮތުމުގެ އިތުރަށް، ތިޖޫރީއާ ހަވާލުވެހުރި މުވައްޒަފާއި، ފައިސާގެ އަދަދު ބަލައި ޗެކުކުރި މުވައްޒަފު، އެ ރިޕޯޓުގައިވާ އަދަދަށް ފައިސާއާއި ފައިސާއާ އެއްފަދަ ތަކެތި ހުރިކަމަށް ސޮއިކޮށްފައި އޮންނަންވާނެއެވެ.
މި ގަވާއިދުގެ 6.21 ވަނަ މާއްދާގެ (ހ) ގައިވާފަދަ ތަންތާނގައި ދައުލަތުގެ ފައިސާއާއި ތަކެތި އަދި ދައުލަތުން ބަލަހައްޓަންޖެހޭ ފައިސާއާއި ތަކެތި ފިޔަވައި އެހެން އެއްވެސް އެއްޗެއް ބަހައްޓައިގެން ނުވާނެއެވެ. އަދި މިފަދަ ތަންތާނގައި ހުންނަ ފައިސާއާއި ތަކެތި ބެލެވޭނީ ދައުލަތުގެ ފައިސާއާއި ތަކެތި ކަމުގައެވެ.