"ސިންގަލް ސޯސް ޕްރޮކިއުމަންޓް" އަކީ ވާދަވެރިކަމަށް ހުޅުވާނުލައި ސީދާ ވަކި ފަރާތަކުން ތަކެތި ނުވަތަ ޚިދުމަތް ހޯދުމެވެ.
"ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ނުވަތަ ޚިދުމަތް ހޯދުން ނުވަތަ މަސައްކަތެއް ކުރުވުމުގެ މަޤުޞަދަކީ ވާދަވެރި ބީލަމަކަށް ވަގުތުނެތް ހާލަތްތަކުގައި ނުވަތަ އޭގެ އަގުގެގޮތުން ވާދަވެރި މާޙައުލެއްގައި އެ ބީލަމަކަށް ތަރުޙީބު ލިބިދާނެކަމަށް ނުފެންނަ ހާލަތްތަކުގައި ހޯދަން ބޭނުންވާ އެއްޗެއް ނުވަތަ ޚިދުމަތެއް އެކަށީގެންވާ ގޮތެއްގައި ހޯދުން، ނުވަތަ ކުރުވަން ބޭނުންވާ މަސައްކަތެއް އެކަށީގެންވާގޮތެއްގައި ކުރުމެވެ.
"ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ނުވަތަ ޚިދުމަތް ހޯދުމުގައި ޕްރޮކިއުމަންޓުގެ އަގު މި ބާބުގެ ޖަދުވަލު 2 ގެ 1 ވަނަ ނަންބަރުގައިވާ އަގަށްވުރެ ބޮޑުވާނަމަ، އެ ތަކެތި ނުވަތަ ޚިދުމަތް ހޯދަންވާނީ އެފަރާތެއްގެ މާލީ އަދި ފަންނީ ޤާބިލުކަން ޔަގީންކުރުމަށްފަހުގައެވެ.
"ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ނުވަތަ ޚިދުމަތް ހޯދޭނީ ނުވަތަ މަސައްކަތެއް ކުރުވޭނީ، ތިރީގައިމިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެންނެވެ.
ހޯދަން ބޭނުންވާ ތަކެތި ނުވަތަ ޚިދުމަތް ލިބެންހުރީ ނުވަތަ ކުރަން ބޭނުންވާ މަސައްކަތެއް ކުރެވެންހުރީ އެންމެ ފަރާތަކުން ކަމުގައިވުން.
މި ގަވާއިދުގެ 10.26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުއްލި ހާލަތެއް މެދުވެރިވުން.
ކުރިން ހޯދާފައިވާ އެއްޗެއް ނުވަތަ ޚިދުމަތެއް ނުވަތަ ކޮށްފައިވާ މަސައްކަތެއްގެ ފެންވަރު (ސްޓޭންޑަޑް) ހިފެހެއްޓުމަށް ނުވަތަ ގުޅުން (ކޮމްޕެޓިބިލިޓީ) ދެމެހެއްޓުމަށް ނުވަތަ މެދުނުކެނޑި ކުރިޔަށް ގެންދިޔުމަށް (ކޮންޓިނިއުޓީ)، ކުރިން އެފަދަ ތަކެތި ނުވަތަ އެފަދަ ޚިދުމަތް ހޯދާފައިވާ ފަރާތުން ނުވަތަ އެފަދަ މަސައްކަތް ކޮށްފައިވާ ފަރާތުން އެފަދަ އެއްޗެއް ނުވަތަ އެފަދަ ޚިދުމަތެއް ހޯދުމަށް ނުވަތަ އެފަދަ މަސައްކަތެއް ކުރުވުމަށް.
ކުރިން ކުރެވިފައިވާ ކޮންޓްރެކްޓެއްގެ ދަށުން އިތުރަށް ތަކެތި ގަންނަން ނުވަތަ ޚިދުމަތެއް ހޯދަން ނުވަތަ މަސައްކަތެއްކުރަން ޖެހިއްޖެ ހިނދެއްގައި، ބީލަމަށް ހުޅުވާލުމުން ވާދަވެރިކަމެއް ނުވަތަ އިތުރު ފައިދާއެއް ލިބިދާނެކަމަށް ނުފެންނަ ކަންތައްތައް ކުރުމަށް.
ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ދައުލަތުގެ ފަރާތުން ކުރިޔަށްގެންދާ ނުވަތަ ދައުލަތުގެ މައްޗަށް ހުށަހެޅޭ މައްސަލަތަކާއި ދައުލަތް ހިމެނޭ އާބިޓްރޭޝަން ފަދަ ކަންކަމުގައި، ދައުލަތުގެ ފަރާތުން ޢައްޔަނު ކުރަންޖެހޭ ޤާނޫނީ ވަކީލުން (ލީގަލް ކައުންސެލް)، އަދި/ނުވަތަ ޚަބީރުން (އެކްސްޕާޓް) އިން ހޯދުމުގައި، ސިއްރު ހިފެހެއްޓުން ލާޒިމްވާ ނުވަތަ އެ ކަމެއްގެ ބާވަތުން ވަކި ބަޔަކު ނުވަތަ ވަކި ޚާއްޞަ ފަރާތެއް ކަނޑައެޅުން މުހިންމުވާ ހާލަތްތަކުގައި، އެ ފަދަ ފަރާތެއް ޢައްޔަނު ކުރުމަށް.
ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިވެދާނެކަމަށް ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ ޤައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމުން.
6.1 އެފަދަ ހާލަތެއްގައި ސަރުކާރުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ބޮޑު މެޖޯރިޓީ ހިއްސާއެއް އޮންނަ ކުންފުނިތަކާއި، ނުވަތަ ދިފާޢީ ސަލާމަތާބެހޭ ވުޒާރާގެ ތެރެއިން އުފައްދައިފައިވާ ކޯޕަރޭޓިވް ސޮސައިޓީއަކަށް މަސައްކަތް ހަވާލުކުރެވިދާނެއެވެ.
6.2 މި ގަވާއިދުގެ 10.25 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހަވާލުކުރާ ކަމެއް އެހެން ފަރާތަކަށް ސަބްކޮންޓްރެކްޓެއް ނުކުރެވޭނެއެވެ.
6.3 މި މާއްދާގެ ދަށުން ހަވާލުކުރެވޭ ޕްރޮކިއުމަންޓާ ގުޅޭ މަޢުލޫމާތު، އެ މަސައްކަތެއް ހަވާލުކުރެވޭތާ 2 (ދޭއް) ދުވަހުގެ ތެރޭގައި މިނިސްޓަރާ ހިއްސާކުރަންވާނެއެވެ.
- "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ނުވަތަ ޚިދުމަތް ހޯދާނަމަ ނުވަތަ މަސައްކަތް ކުރުވާނަމަ، އެ ކަމަކަށް ހުއްދަ ދޭނީ މި ބާބުގެ 10.09 ގައިވާ ގޮތުގެ މަތީންނެވެ.
- މި މާއްދާގެ (ރ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި ހުއްދަ ދޭނީ، ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ ޤައުމީ ސަލާމަތާބެހޭ މަޖިލީހުންނެވެ.
"ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ނުވަތަ ޚިދުމަތް ހޯދާނަމަ ނުވަތަ މަސައްކަތް ކުރުވާނަމަ، އެކަމެއް ކުރިޔަށް ގެންދަން ނިންމި ގޮތާއި، އެކަމުގެ ސަބަބާއި، އެކަމުގެ ތަފުސީލު ލިޔުމުން އެނގެން އޮންނަންވާނެއެވެ.