މުވައްޒަފުންގެ މާލީޒިންމާ، ބާރު އަދި މަސްއޫލިއްޔަތު

2.01 ފައިނޭންޝަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތުތައް
  • ފައިނޭންޝަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތުތައް ކަމަށް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މައިގަނޑު ކަންތައްތައް ތިރީގައި މިވަނީއެވެ.

    1. ދައުލަތުގެ ފައިސާއާއި، ހިސާބާއި، ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމު، އޮޑިޓަރޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ބެލެހެއްޓުމާއި ހިންގުން.
    2. ދައުލަތުގެ ފައިސާއާއި، ހިސާބާއި، ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމު، އޮޑިޓަރޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ބެލެހެއްޓުމާއި ހިންގުން.
    3. ދައުލަތުގެ މުދާ ގަނެވެނީ، ނުވަތަ ރައްކާތެރިކަމާއެކު ބެލެހެއްޓެނީ، ނުވަތަ ބޭނުންކުރެވެނީ، ނުވަތަ ވިއްކެނީ، ނުވަތަ ނައްތާލެވެނީ، ނުވަތަ ދޫކޮށްލެވެނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބެލުން.
  • މި މާއްދާގެ (ހ) ގައިވާ ކަންތައްތަކުގެ އިތުރުން، ތިރީގައިމިވާ ކަންތައް ހިންގައި ބެލެހެއްޓުމަކީވެސް ފައިނޭންޝަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތުތަކެވެ.

    1. ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި، ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ ހުރިހާ އޮފީސްތަކެއްގެ މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން.
    2. ކޮންމެ މާލީއަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ އަހަރެއްގެ ދައުލަތުގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ތައްޔާރުކޮށް އެ ހިސާބުތައް މިނިސްޓަރަށް ހުށަހެޅުން.
    3. ދައުލަތަށް ލިބޭ އާމްދަނީ ފައިސާގެ ހިސާބުތައް ގަވާއިދުން ބެލެހެއްޓުމާއި، ދައުލަތަށް ލިބެންވާ ފައިސާ ހޯދޭނެ ނިޒާމެއް ޤާއިމުކުރުން.
    4. ދައުލަތަށް ލިބޭ ހުރިހާ ފައިސާއެއް، އެއީ އާމްދަނީގެ ގޮތުގައި ނުވަތަ އެހެން ގޮތަކުން ލިބޭ ފައިސާ ކަމުގައިވިޔަސް، ދައުލަތުގެ ހިސާބުތަކަށް ވައްދާނެ ނިޒާމެއް ޤާއިމުކުރުން.
    5. ދައުލަތުގެ ފައިސާއާއި، ސްޓޭމްޕާއި، ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާއި، ސެކިއުރިޓީސް، ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުން.
    6. ދައުލަތުގެ މިލްކުގައިވާ މުދަލާއި، ތަންތަނާއި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުން.
    7. ދައުލަތުގެ އޮފީސްތަކުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ މަސައްކަތްކުރާ މުވައްޒަފުން ސުޕަވައިޒްކޮށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން. އަދި ފަރުވާކުޑަކުރުމާއި، އޮޅުވާލުމާއި، ޚިޔާނާތް ހުއްޓުވުމަށްޓަކައި ކުރިން އެންގުމަކާ ނުލައި އިންސްޕެކްޓް ކުރެވޭނެ ނިޒާމެއް ޤާއިމުކުރުން.
    8. ދައުލަތުން ކުރާ ޚަރަދުތަކާއި ޑިސްބާސްމަންޓުތައް ސުޕަވައިޒްކުރުމާއި، ހުއްދައަކާނުލައި އެއްވެސް ޚަރަދެއް ކުރޭތޯ ބެލުމާއި، ނުވަތަ އެ ޚަރަދަކާ ގުޅޭ ލިޔެކިޔުންތަކުގައިވާ ގޮތްނޫން އެހެން ގޮތަކަށް ފައިސާ ޚަރަދުކުރޭތޯ ބެލުން.
    9. ދައުލަތުގެ އޮފީސްތަކުން ކުރާ ޚަރަދުތަކަށް ހުއްދަދޭ އޮތޮރައިޒިންގ އޮފިސަރުންނާއި، މާލީޒިންމާދާރުވެރިން ކަނޑައަޅާ މުވައްޒަފުންނަށް ޚަރަދުކުރުމަށް ހުއްދަދެވޭނެ އެންމެމަތީ އަދަދު ކަނޑައެޅުމާއި، ޕޭމަންޓް ވައުޗަރުގައި ހުއްދަދޭ ސޮއި (ސްޕެސިމެން ސިގްނޭޗަރ) ރަނގަޅުތޯ ކަށަވަރުކޮށް ރިކޯޑު ބެލެހެއްޓުން.
    10. ބޭކާރު ޚަރަދެއް ކުރެވޭކަން، ނުވަތަ ލިބެންޖެހޭ ފައިސާއެއް ލިބުމުގައި އޮޅުވާލުމެއް ވާކަން، ނުވަތަ އެއްބައިން އަނެއް ބަޔަށް ފައިސާ ބަދަލުނުކޮށް ބަޖެޓްކޯޑުގެ ބާކީއަށްވުރެ އިތުރަށް (ކޯޑު ޑެބިޓްކޮށް) ޚަރަދުކުރަމުންދާކަން ފާހަގަކުރެވިއްޖެނަމަ، އެކަން ހުއްޓުވައި، އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ އިތުރަށް، އެކަން މިނިސްޓަރުގެ ސަމާލުކަމަށް ގެނައުން.
    11. ދައުލަތުން ކުރާ ޚަރަދާއި ޑިސްބާސްމަންޓްސް، ހިމަނަންވާ ކޯޑަށް ވައްދައި ހިސާބުކުރުން.
    12. ދައުލަތުގެ ހިސާބުތަކުގައި ފާހަގަކުރެވޭ ބޮޑެތި މައްސަލަތައް (މެޓީރިއަލް އިރެގިއުލަރިޓީތައް) ފައިނޭންޝަލް ކޮންޓްރޯލަރަށް ފާހަގަކުރެވިއްޖެ ހިނދެއްގައި، އެކަމެއް މިނިސްޓަރުގެ ސަމާލުކަމަށް ގެނައުން.
    13. ދައުލަތުގެ އޮފީސްތަކުގައި، ޚަރަދާއި ލިބޭފައިސާގެ ހިސާބުތައް މާލީޒިންމާދާރުވެރިއެއްގެ ބެލުމުގެދަށުން ގަވާއިދުން ބަލަހައްޓަމުން ނުގެންދާކަމަށް ފެނިއްޖެ ހިނދެއްގައި، އެކަން މިނިސްޓަރަށް ރިޕޯޓުކުރުން.
    14. ދައުލަތަށް ލިބެންވާ އާމްދަނީއެއް ލިބުން އެކަށީގެންވާ ވަރަށްވުރެ ލަސްވަމުންދާކަމަށް ފެނިއްޖެ ހިނދެއްގައި އެކަން މިނިސްޓަރަށް ރިޕޯޓުކުރުން.
    15. ދައުލަތުން ކުރަންނުޖެހޭ ޚަރަދެއް ކުރިކަން ފައިނޭންޝަލް ކޮންޓްރޯލަރަށް ސާބިތުކުރެވިއްޖެނަމަ، އެ ޚަރަދެއް ކުރި ފަރާތަކާމެދު މި ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅައި، އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުން.
    16. މަތީގައިވާ މަސްއޫލިއްޔަތުތަކުގެ އިތުރަށް މިނިސްޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ފައިނޭންޝަލް ކޮންޓްރޯލަރަށް ލިޔުމުން ހަވާލުކުރާ މަސްއޫލިއްޔަތުތައް.