ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.12 ފައިސާ އެއްތަނުން އަނެއް ތަނަށް ގެންދިޔުމާއި ގެނައުން
  • ނަގުދުފައިސާ އެއްތަނުން އަނެއް ތަނަށް ގެންދިޔުމަކީ ރިސްކުބޮޑު ކަމަކަށްވާތީ، ފައިސާ ގެންދިޔުމުގެ ބަދަލުގައި އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޓްރާންސްފަރކުރެވޭނެ އިންތިޒާމު ހަމަޖެހެން އޮތްނަމަ ފައިސާ ފޮނުވަންވާނީ ބޭންކް މެދުވެރިކޮށްގެންނެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޢަމަލުކުރެވެން ނެތް ހާލަތްތަކުގައި ފައިސާ އެއްތަނުން އަނެއް ތަނަށް ކަނޑުމަގުންނާއި ވައިގެމަގުންނާއި އަދި އެއްގަމުމަގުން ގެންދާއިރު ގެންދަންވާނީ ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އެންމެހައި ފިޔަވަޅުތައް އަޅައިގެންނެވެ.

  • ފައިސާ ގެންދާ ތަނަކަށް ގެންގޮސް ހަވާލުކުރަންޖެހޭ ފަރާތާ ހަވާލުކުރެވެންދެން އެ ފައިސާއާ ހަވާލުވެގެން ހުރި މުވައްޒަފު ނުވަތަ މުވައްޒަފުން އިތުރު އެހެން ކަމަކާ މަޝްޣޫލުވެގެން ނުވާނެއެވެ.

  • ބޭންކުން ފައިސާ ނަގަން ނުވަތަ ބޭންކަށް ފައިސާ ޖަމާކުރަން ދާއިރު، ބޭންކަށް ދާ މުވައްޒަފާއެކު އޮފީހުގެ އިތުރު މުވައްޒަފެއް ގެންދަންވާނެއެވެ.

  • ގިނަ އަދަދަކަށް ފައިސާ އެއްތަނުން އަނެއް ތަނަށް ގެންދާއިރު ރައްކާތެރިކަމާއެކު ފައިސާ ނުގެންދެވޭނެކަމަށް އެ ޒިންމާ އުފުލަންޖެހޭ މުވައްޒަފަކަށް ފެނިއްޖެނަމަ، މާލީޒިންމާދާރުވެރިޔާ ނުވަތަ ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރުގެ ލަފާގެ މަތިން ފުލުހުންގެ ނުވަތަ ސިފައިންގެ މަޝްވަރާ ހޯދަންވާނެއެވެ.