ކައުންސިލުތަކުގެ މާލީޒިންމާދާރުވެރިން ޢައްޔަންކޮށް ވަކިކުރާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެ މަތިން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީންނެވެ.
މި މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން ޢައްޔަނުކުރެވޭ ފަރާތް ވާންވާނީ މިގަވާއިދުގެ 2.02 ވަނަ މާއްދާގެ (ށ) ގައިވާ ޝަރުޠު ފުރިހަމަވާ ފަރާތަކަށެވެ.
މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޢައްޔަނުކުރެވޭ ފަރާތުގެ މަސްއޫލިއްޔަތުތައް މި ގަވާއިދުގެ 2.03 ވަނަ މާއްދާގައި ބަޔާންކޮށްފައި އެވަނީއެވެ.
ކައުންސިލުތަކުގެ މާލީޒިންމާދާރުވެރިޔާގެ ގޮތުގައި ޢައްޔަންކޮށްފައިވާ މީހަކު، އޭނާއާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުން ވަކިކުރާނީ ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވުމުން މިނިސްޓަރެވެ.
- އިސްލާމްދީނުގެ އަސްލަކާ ނުވަތަ ޤާނޫނު އަސާސީއާ ނުވަތަ ޤާނޫނަކާ ކަނޑައެޅިގެން ޚިލާފުވެއްޖެކަމަށް ޝަރީޢަތަށް ސާބިތުވުން.
- ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެމަތިން މާލީޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރުމުގައި ނާޤާބިލުވުން.
- މާލީޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާނުކުރެވޭފަދަ ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވުން.
- އެ ކައުންސިލެއްގެ އިދާރީ އޮނިގަނޑަށް ގެންނަ ބަދަލެއްގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން އޮފީހުގައި އެމީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތު ބަދަލުވުން.
- އެ މީހަކާ ހަވާލުވެފައިވާ މަސްއޫލިއްޔަތުން ވަކިވާން އެދި އަމިއްލައަށް ހުށަހެޅުން.
- އޮފީހުގައި އެ މީހަކު އަދާކުރާ ވަޒީފާއިން ވަކިވުން.