ދައުލަތަށް ލިބޭ އެހީން ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

9.02 ދައުލަތަށް ލިބޭ އެހީން ޚަރަދުކުރުން
  • ދައުލަތަށް ލިބޭ ހިލޭއެހީއާއި ލޯނު އެހީގެ ގޮތުގައި ލިބޭ ފައިސާ ޚަރަދުކުރަންވާނީ، އެހީ ލިބުނު ބޭނުމަކަށެވެ.

  • ސީދާ އެހީދޭ ފަރާތްތަކުން ކުރާ ޚަރަދުތައް ފިޔަވައި އެހީގެ ފައިސާއިން ކުރާ ޚަރަދުތައް ކުރަންވާނީ އެހީދޭ ފަރާތުން ވަކިގޮތަކަށް ކަނޑައަޅައި އަންގާފައިވާނަމަ، އެގޮތުގެމަތިންނެވެ. އެހީދޭ ފަރާތުން ވަކިގޮތަކަށް ކަނޑައަޅައި އަންގާފައިނުވާނަމަ، މި ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

  • ދައުލަތުގެ އޮފީސްތަކުން ވަކި ޕްރޮގްރާމެއް ނުވަތަ ވަކި ޕްރޮޖެކްޓެއް ހިންގުމަށް، އެކި ފަރާތްތަކުން އެހީގެ ގޮތުގައި ލިބޭ ފައިސާ ޚަރަދުކުރަންވާނީ، އެ ފައިސާއިން ކުރަން ބޭނުންވާ ޚަރަދެއްގެ ތަފުސީލު މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހެޅުމަށްފަހު، އެ މިނިސްޓްރީން އަންގާ ގޮތެއްގެމަތިން މި ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

  • އެހީގެ ގޮތުގައި ލިބިގެން ދައުލަތުގެ އޮފީސްތަކުން ހިންގާ އެންމެހައި މަޝްރޫޢުތަކަށް ހިނގާ ޚަރަދުގެ ހިސާބުތައް ބަލަހައްޓައި ރިޕޯޓު ފޮނުވަންވާނީ، އެހީދޭ ފަރާތުން ވަކިގޮތަކަށް ކަނޑައަޅައި އަންގާފައިވާނަމަ، އެގޮތުގެމަތިންނެވެ. އެހީދޭ ފަރާތުން ވަކިގޮތަކަށް ކަނޑައަޅައި އަންގާފައިނުވާނަމަ، ރިޕޯޓު ފޮނުވަންވާނީ މި ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

  • ލޯކަލް ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން އޮފީސްތަކަށް އެހީގެ ގޮތުގައި ލިބޭ ފައިސާއިން ލިބުނު ބޭނުމަކަށް ޚަރަދުކުރުމަށްފަހު ބާކީވާ ފައިސާއާއި، އެހީގެ ގޮތުގައި ލިބުނު ފައިސާއިން ލިބުނު ބޭނުމަށް އެއްވެސް ޚަރަދެއްނުކޮށް ބާކީ ހުންނަ ފައިސާ، އެހެން ބޭނުމަކަށް ޚަރަދުކުރަންވާނީ، އެހީ ދިން ފަރާތުގެ ހުއްދައާއެކު މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެ ހުއްދަ ހޯދައިގެންނެވެ.

  • ލޯކަލް ކައުންސިލްތަކަށް އެހީގެ ގޮތުގައި ލިބޭ ފައިސާއިން ލިބުނު ބޭނުމަކަށް ޚަރަދުކުރުމަށްފަހު ބާކީވާ ފައިސާއާއި، އެހީގެ ގޮތުގައި ލިބުނު ފައިސާއިން ލިބުނު ބޭނުމަށް އެއްވެސް ޚަރަދެއްނުކޮށް ބާކީ ހުންނަ ފައިސާ، އެހެން ބޭނުމަކަށް ޚަރަދު ކުރަންވާނީ، އެހީ ދިން ފަރާތުގެ ހުއްދަ ލިޔުމަކުން ހޯދައި، މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެ، އެ މިނިސްޓްރީގެ ހުއްދަ ހޯދައިގެންނެވެ.

  • އެހީގެ ގޮތުގައި ހިންގާ ޕްރޮޖެކްޓެއްގެ ދަށުން ބޭރު ބަޔަކު މެދުވެރިވެގެން ރާއްޖޭގައި ހިންގާ މަސައްކަތެއްގައި ގެންގުޅޭ މީހުންނަށް އެ ޕްރޮޖެކްޓަށް ކަނޑައެޅޭ ފައިސާގެ ތެރެއިން މުސާރައާއި އެލަވަންސާއި ކެއިންބުއިންފަދަ ކަމަކަށް ޚަރަދެއް ކުރަންވާނީ އެކަމެއް ތަފުސީލުކޮށް މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެ، އެ މިނިސްޓްރީން ހަމަޖައްސާ އުސޫލެއްގެ މަތިންނެވެ. އެހީގެ ގޮތުގައި ހިންގާ ޕްރޮޖެކްޓެއްގެ ދަށުން، ބަޔަކަށް ކޮންޓްރެކްޓް ދީގެން ކުރުވާ މަސައްކަތެއްގައި، ކޮންޓްރެކްޓުގައިވާ ގޮތަށް މަސައްކަތުގެ އަގަށް ދޭންޖެހޭ ފައިސާ މީގެތެރެއަކު ނުހިމެނެއެވެ.

  • ދައުލަތުގެ އޮފީސްތަކާ ގުޅިގެން އެކިއެކި ޕްރޮޖެކްޓްތަކުގެ ދަށުން ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ކުރާ މަސައްކަތްތަކަށް އެފަރާތްތަކުން ކުރާ ޚަރަދުގެ ވޭތުވެދިޔަ މަހުގެ ހިސާބު، ހިނގާ މަހުގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން އެފަރާތްތަކުން ހޯދައި މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވަންވާނެއެވެ.