ދައުލަތުގެ ބީލަމެއްގައި ވަކި މުއްދަތަކަށް ބައިވެރިނުވެވޭގޮތަށް ބީލަންވެރިއެއް ނުވަތަ ސަޕްލަޔަރެއް ސަސްޕެންޑްކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތެއް މެދުވެރިވެގެންނެވެ. މިގޮތުން ބީލަންވެރިޔެއް ނުވަތަ ސަޕްލަޔަރެއް ސަސްޕެންޑްކުރެވޭނީ، މި ގަވާއިދުގެ 17.12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީންނެވެ.
- ބީލަމަކާ ގުޅޭގޮތުން ދައުލަތުގެ އޮފީހަކަށް ބީލަމުގެ މަރުޙަލާގައްޔާއި ކޮންޓްރެކްޓް ކުރިޔަށް ގެންދިޔުމުގައި ޞައްޙަނޫން ލިޔުންތައް ހުށަހެޅުމާއި، އެފަދަ މަޢުލޫމާތު ދިނުމާއި، މަޢުލޫމާތު ފޮރުވުން.
- ބީލަމުގައި އެހެން ފަރާތަކުން ބައިވެރިވުމަށް ހުރަސްއެޅުމާއި، އެހެން ފަރާތަކަށް ބީލަން ލިބޭގޮތަށް މަގުފަހިކުރުމަށް މަސައްކަތްކުރުން.
- ބީލަން ހުށަހެޅުމުގައި ޢަމަލުކުރަންޖެހޭ ގޮތް ނޫން ގޮތްގޮތަށް ޢަމަލުކުރުމާއި، ބީލަމުގައި ކޮރަޕްޓް، ފްރޯޑިއުލެންޓް، ކޮލޫސިވް، ކޮއެސިވް އަދި އޮބްސްޓްރަކްޓިވް ޕްރެކްޓިސްގެ ޢަމަލު ހިންގުމާއި، ބީލަމުގެ އަގަށް ނުފޫޒު ފޯރުވުމާއި، މަޢުލޫމާތުގެ ސިއްރުކަން ގެއްލޭފަދަ ޢަމަލެއް ހިންގުން.
- ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދެފަރާތެއް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއް ގުޅިގެން އެ މީހުން އެއްބަސްވާ ވަކި ފަރާތަކަށް މަސައްކަތް ލިބޭނެގޮތަށް މަގުފަހިކުރުމަށްޓަކައި، ރާވައިގެން އެއިން ކޮންމެ ފަރާތަކުން ހުށަހަޅާ ކޮންމެ ބީލަމަކީވެސް އެއްފަރާތް އަނެއް ފަރާތާ ނުގުޅި ހުށަހެޅި ޞައްޙަ ބީލަންތަކެއްގެ ގޮތުގައި ދެއްކުމަށްޓަކައި، އެކަށީގެންނުވާ ބޮޑު އަގުތަކެއް، ނުވަތަ ރާވައިފައިވާ ގޮތުގެ މަތިން ކުޑަ އަގުތަކެއް ހުށަހެޅުން.
- ވާދަވެރި ބީލަމެއްކަން ދެއްކުމުގެގޮތުން ތަފާތު މީސްމީހުންގެ ނަމުގައި ނުވަތަ ކުންފުނިތަކުގެ ނަމުގައި ނުވަތަ ޕާޓްނަރޝިޕެއްގެ ނަމުގައި ނުވަތަ އެނޫންވެސް ވިޔަފާރިކުރާ ތަނެއްގެ ނަމުގައި، އެއްފަރާތަކުން ބީލަން ހުށަހެޅުން.
- ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދެފަރާތަކުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކަކުން އެއްބަސްވެގެން ބީލަން ހުށަނޭޅުމާއި، ހުށަހަޅައިފައިވާ ބީލަމެއް އަނބުރާ ގެންދިޔުމާއި، ވަކި ފަރާތަކަށް ނަހަމަ ފައިދާތަކެއް ލިބޭގޮތަށް ރާވައިގެން ބީލަން ހުށަހެޅުމާއި، އެފަދަ އެއްބަސްވުމެއްގައި ބައިވެރިވުން.
- ބީލަން ހުށަހަޅާ ފަރާތުން އަމިއްލަޔަށް ނުވަތަ އެހެން ބަޔަކާ ގުޅިގެން، ރޭވުމެއްގެ ދަށުން އެކި ފަރާތްތަކުގެ މެދުގައިވާ ތަބަޢީ ވާދަވެރިކަން ނައްތައިލުމަށް މަސައްކަތްކުރުމާއި، ނުވަތަ ވާދަވެރިކަން ކުޑަކުރުމަށް މަސައްކަތްކުރުމުގެ ނަތީޖާއެއްގެގޮތުން އާންމުންނަށް ލިބެންވީ ފައިދާއަށް އުނިކަން ލިބުން.
- ބީލަމެއްގެ ކޮންޓްރެކްޓުގައި ސޮއިކުރުމަށް އިންކާރުކުރުން، ނުވަތަ ބިޑް ވެލިޑިޓީގެ މުއްދަތަކާމެދު އެއްބަސްވެ ހުށަހެޅޭ ބީލަންތަކުގައި ބީލަންފޮތުގައި ނުވަތަ ބީލަމުގެ އިޢުލާނުގައި ޕަރފޯމަންސް ސެކިއުރިޓީ ހުށަހެޅުމަށް ބުނެފައިވާ ހިނދެއްގައި އެ ސެކިއުރިޓީ ހުށަހެޅުމަށް އިންކާރުކުރުން.
- އަމިއްލަ ބާރުގެ ދަށުގައިނުވާ ކަމެއް (ޤުދުރަތީގޮތުން ދިމާވާ ކަމެއް) މެދުވެރިވެގެން ނޫން ގޮތަކަށް ކޮންޓްރެކްޓުގެ ދަށުން ކޮންމެހެން ކުރަންޖެހޭ ކަމެއް ފުރިހަމަނުކޮށް ދޫކޮށްލުން.
- ކޮންޓްރެކްޓެއް ނުވަތަ ސަބްކޮންޓްރެކްޓެއް ހޯދުމުގެގޮތުން ކޮށްފައިވާ ޖިނާއީ ކުށެއް ސާބިތުވުން.
- ޕްރޮކިއުމަންޓުގެ އުސޫލުގައި ކޮންޓްރެކްޓަރު ޢަމަލުކުރުމަށް ކަނޑައަޅައިފައިވާ ގޮތާ ޚިލާފަށް ޢަމަލުކުރުން. އަދި މި ގަވާއިދުގައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް އަންގާ އެންގުންތަކަށް ޢަމަލުނުކުރުން.
- ވިޔަފާރީގެ ހަރަކާތަކާ ގުޅިގެން ނުވަތަ ޕްރޮފެޝަނަލް ހަރަކާތަކާ ގުޅިގެން މަދަނީ ކުށެއް ޝަރީޢަތަށް ސާބިތުވެ، އެ ޙުކުމް ތަންފީޒު ކުރަމުންދާ ފަރާތަކަށް ވުން.
އެހެން ޤައުމަކުން ނުވަތަ ދައުލަތަށް އެހީދޭ ނުވަތަ ލޯނުދޭ ޖަމާޢަތަކުން ސަސްޕެންޑްކޮށްފައިވާ ފަރާތެއް ދައުލަތުގެ ޕްރޮކިއުމަންޓުގައި ބައިވެރިނުވެވޭގޮތަށް ސަސްޕެންޑްކުރެވިދާނެއެވެ. މިގޮތުން ސަސްޕެންޑްކުރުމުގައި ބަލާ މިންގަނޑުގެ ތެރޭގައި، އެ ޤައުމަކުން ނުވަތަ ޖަމާޢަތަކުން ބަލާފައިވާ މިންގަނޑަކީ އިންސާފުވެރި މިންގަނޑެއްތޯއާއި، އަދި ސަސްޕެންޑްކުރެވިފައިވާ ފަރާތަށް އެފަރާތުގެ ދިފާޢުގައި މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ދީފައިވޭތޯ ބަލަންވާނެއެވެ.
ބީލަމުގައި ބައިވެރިވާ ފަރާތެއް ނުވަތަ ސަޕްލަޔަރެއް ސަސްޕެންޑްކުރަންވާނީ، އެފަރާތަކުން އެކަމުގެ ދިފާޢުގައި މަޢުލޫމާތު ހުށަހެޅުމަށް އެކަށީގެންވާ ފުރުޞަތެއް ދިނުމަށްފަހު، އެ މައްސަލައެއް ތަޙުޤީޤުކޮށް ނިމޭއިރު، އެފަރާތެއްގެ މައްޗަށް މި މާއްދާގައި ބަޔާންކޮށްފައިވާ ކަމެއް ސާބިތުވާނަމައެވެ.
މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ސާބިތުވެގެން، ބީލަމުގައި ބައިވެރިވާ ފަރާތެއް ނުވަތަ ސަޕްލަޔަރެއް ސަސްޕެންޑްކުރެވޭނީ، މަދުވެގެން 6 (ހައެއް) މަސްދުވަހަށް، އަދި ގިނަވެގެން 5 (ފަހެއް) އަހަރުދުވަހަށެވެ. މިގޮތުން ސަސްޕެންޑްކުރާނެ މުއްދަތު ކަނޑައަޅާނީ، ހުށަހެޅިފައިވާ މައްސަލައިގެ ކުޑަބޮޑުމިނަށާއި އެ ކަމެއްގެ ބާވަތަށް ރިޢާޔަތްކޮށް، މި ގަވާއިދުގެ 17.12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީންނެވެ.