ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.37 ބީލަންފޮތް (ބިޑް ޑޮކިއުމަންޓް)
  • ބީލަމަށް ހުޅުވާލެވޭ ކޮންމެ ޕްރޮޖެކްޓެއްގެ ބީލަން ކުރިޔަށް ގެންދިޔުމުގައި ބޭނުންކުރަންވާނީ، މިނިސްޓްރީ އޮފް ފިނޭންސްއިން އެކަމަކަށް ތައްޔާރުކުރާ، ނުވަތަ އެފަރާތުން އެކުލަވައިލައި ފާސްކޮށް އާންމުކޮށްފައިވާ ބިޑް ޑޮކިއުމަންޓެކެވެ.

  • ބިޑް ޑޮކިއުމަންޓް ތައްޔާރުކުރުމުގައި، މަދުވެގެން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

    1. ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށްދާނެ ގޮތާއި، ޢަމަލުކުރާނެ އުސޫލުތައް.
    2. ބީލަމަށް ހުޅުވާލެވޭ ޕްރޮޖެކްޓެއްގެ ބޭނުންތަކާއި، ވައްތަރާއި، ފަންނީ މިންގަނޑާއި، ޤާބިލު ބަޔަކު ހޮވުމުގައި ބަލާނެ މިންގަނޑުތައް ތަފުސީލުކޮށް "ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓް" ގެ ގޮތުގައި.
    3. ބީލަމުގައި ބޭނުންކުރާނެ އެއްބަސްވުން (ކޮންޓްރެކްޓް) އޮންނާނެ ގޮތާއި، އެއްބަސްވުމުގެ މާއްދާތަކާއި އެ ޕްރޮޖެކްޓެއްގައި ހިމެނޭ ކަންތައްތަކާއި ޢަމަލުކުރަންޖެހޭ ގޮތްތައް.
    4. ބީލަންތައް އިވެލުއޭޓްކުރާނެ ގޮތާއި، އިވެލުއޭޓްކުރުމުގައި ބޭނުންކުރެވޭ ކްރައިޓީރިއާއާއި، ބީލަން ހަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ ގޮތްތައް.
    5. ބީލަމާއެކު ބީލަންވެރިން ހުށަހަޅަންޖެހޭ އެންމެހައި މަޢުލޫމާތުތައް ހުށަހަޅަންޖެހޭ ގޮތުގެ ނަމޫނާ (ފޯމެޓް) އާއި، ބީލަމާއެކު ހުށަހަޅަންޖެހޭ ގެރެންޓީ ނުވަތަ ސެކިއުރިޓީފަދަ ތަކެތީގެ ނަމޫނާ.