ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.31 އަމިއްލަ ފަރާތްތަކުން ދޭ އެހީގެ ފައިސާއާއި ތަކެތި
  • ދައުލަތުގެ އޮފީހަކުން ހިންގާ ކަމަކަށް ނުވަތަ ދައުލަތުގެ އޮފީހަކަށް އަމިއްލަ ފަރާތަކުން ފައިސާގެ އެހީއެއް ދީފިނަމަ، އެ ފައިސާ ލިބުނު ކަމަކާ ބެހޭ އެކައުންޓަށް ޖަމާކުރުމަށްޓަކައި މި ގަވާއިދުގެ 5.28 ވަނަ މާއްދާގެ (ނ) ގައިވާ މަޢުލޫމާތު މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވަންވާނެއެވެ. މީގެތެރޭގައި ފަންޑު އެކައުންޓުތަކަށް ޖަމާކުރަންޖެހޭ ފައިސާއެއް ނުހިމެނެއެވެ.

  • ދައުލަތުގެ އޮފީހަކުން ހިންގާ ކަމަކަށް ނުވަތަ ދައުލަތުގެ އޮފީހަކަށް އަމިއްލަ ފަރާތަކުން ތަކެތީގެ އެހީއެއް ލިބިއްޖެނަމަ، ލިބުނު ތަކެތި އެކަށީގެންވާ ތަނެއްގައި ރައްކާތެރިކަމާއެކު ބަހައްޓައި، ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ތަކެތި ލިބުނުކަން މިނިސްޓްރީ އޮފް ފިނޭންސްއަށް އަންގަންވާނެއެވެ.

  • ދައުލަތުގެ އޮފީހަކުން ހިންގާ ކަމަކަށް ނުވަތަ ދައުލަތުގެ އޮފީހަކާ ގުޅިގެން ބޭރުގެ ފަރާތަކުން ހިންގާ ކަމަކަށް ނުވަތަ އަމިއްލަ ފަރާތަކުން ދޭން ބޭނުންވާ އެއްޗެއް ގަތުމަށް ފައިސާ ދިންކަމުގައިވިޔަސް، އެ ފައިސާ އެ އޮފީހަކަށް ބަލައިގަނެ ރަސީދެއް ދޫކުރަންވާނެއެވެ. އެ ފައިސާއާ އެ އޮފީހުގެ މުވައްޒަފަކު ހަވާލުވެ ތަކެތި ގަނެދީ ހަދައިގެން ނުވާނެއެވެ.