ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.26 ކުއްލި ހާލަތެއް ނުވަތަ ކުއްލި ހާލަތްތަކުގައި ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދިޔުން
  • މި ގަވާއިދުގެ ދަށުން ކުއްލި ހާލަތެއް މެދުވެރިވިކަމުގައި ބެލެވޭނީ ތިރީގައިވާ ހާލަތްތަކުގައެވެ.

    1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމުންނާއި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމުންނާއި، ޤާނޫނު ނަންބަރު 28/2015 (ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކާރިސާގެ ހާލަތު އިޢުލާނުކުރުމުން؛
    2. އިންސާނެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާފަދަ ނުވަތަ ދިމާވާ ހާދިސާއަކާ ގުޅިގެން، ބަޔެއްގެ ދިރިއުޅުމުގެ ފެންވަރަށް ނުވަތަ ތިމާވެށްޓަށް ނުރައްކާތެރިކަމެއް ކުރިމަތިވުން.
    3. ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ރައްޔިތުންނަށް އަސާސީ ޚިދުމަތެއް ދިނުމަށް ހިންގާ ޕްރޮގްރާމްތަކުގެ ޕްރޮކިއުމަންޓުގެ ކަންތައްތައް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް އާންމުކޮށް އިޢުލާނުކޮށްގެން ކުރިޔަށް ގެންދިއުމަށް ވަގުތު ނެތުމުގެ ސަބަބުން އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ކުރަންޖެހޭ ޚަރަދެއް ނުކުރެވިއްޖެނަމަ، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތެއް ނުދެވި ލަސްކުރެވެން ނެތް ހާލަތްތަކުގައި؛
    4. ދައުލަތުގެ މުދަލާއި ތަކެތި ނުވަތަ ޢިމާރާތްތަކާއި އާންމު ބޭނުންތަކަށް ހެދިފައިވާ ތަންތަނާއި ތަކެއްޗަށް ނުރައްކާތެރިވެއްޖެ ހިނދެއްގައި އެކަމެއް ރަނގަޅުކުރުމާއި ދެމެހެއްޓުމަށް ނުވަތަ އޭގެ ފެންވަރު ކުރިން ހުރިގޮތަށް ގެނައުމަށްޓަކައި ވަގުތުން ފިޔަވަޅުއަޅަންޖެހުން.
    5. ހޯދަން ބޭނުންވެފައިވާ ކުދިކުދި ތަކެތި ނުލިބުމުގެ ސަބަބުން ސަރުކާރުން ކުރިޔަށްގެންދާ އަސާސީ ޚިދުމަތަކާ ގުޅުންހުރި ޕްރޮޖެކްޓެއް ނުވަތަ ދެމުންދާ އަސާސީ ޚިދުމަތަކާ ގުޅުންހުރި މަސައްކަތެއް އެކަށީގެންވާވަރަށްވުރެ ލަސްވާނަމަ، އެ ތަކެތި ހޯދުމަށް؛
    6. ޤައުމުގެ ދިފާޢަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ހާލަތެއް މެދުވެރިވެގެން ނުވަތަ ޤުދުރަތީ ކާރިސާއެއް ދިމާވެގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް.
  • ދައުލަތުގެ އިމާރާތެއް މަރާމާތުކުރުމާއި މުދާ ބެލެހެއްޓުމުގައި މި މާއްދާގެ (ހ) ގައި ބުނެވިފައިވާ ގޮތަށް ޢަމަލުކުރެވޭނީ އެ މާއްދާގައި ބުނެވިފައިވާ ހަމައެކަނި ކުއްލި ހާލަތްތަކުގައި އެކަންޏެވެ.

  • ކުއްލި ހާލަތެއް މެދުވެރިވެގެން ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމުގައި، މި ގަވާއިދުގައިވާ ގޮތުގެމަތިން ކުރުމަށް ދަތިވާ ހާލަތްތަކުގައިވެސް އެކަމެއް ކުރަންވާނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.

    1. އެ ކޮންޓްރެކްޓެއް ހަވާލުކުރުމުގެ ކުރިން އެކަމަކަށް ހުއްދަ ހޯދަންޖެހޭ ފަރާތެއްގެ ހުއްދަ ހޯދައިގެން.
    2. އެ ހާލަތެއްގައި ލިބެން އޮތް އެންމެބޮޑު ވާދަވެރިކަމެއް ހޯދައިގެން.
    3. ހޯދަން ބޭނުންވާ އެއްޗެއްގެ އަދަދު ނުވަތަ ކުރަން ބޭނުންވާ މަސައްކަތް އެވަގުތަކު ދިމާވެފައިވާ ކުއްލި ހާލަތުގައި ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ އިތުރުނުވުން.
  • ޕްރޮކިއުމަންޓުގެ ކަންތައްތައް ކުއްލި ހާލަތެއްގައި ކުރިޔަށް ގެންދަނީނަމަ، އެކަމެއް ކުރިޔަށް ގެންދަން ނިންމި ގޮތާއި، އެކަމުގެ ސަބަބާއި، ކުއްލި ހާލަތެއް މެދުވެރިވި ގޮތުގެ ތަފުސީލު ލިޔުމުން އެނގެން އޮންނަންވާނެއެވެ.