ބަޖެޓް ދޫކުރުމާއި، ޚަރަދުކުރުމަށް ހުއްދަދިނުން

4.06 ބަޖެޓް ޚަރަދުގެ ހިސާބުތައް ބެލެހެއްޓުން
  • ބަޖެޓުގައި ޚަރަދުތައް ހިމަނާފައިވާ ގޮތާއި، ބަޖެޓުން ކުރާ ޚަރަދުތަކާއި، ބަޖެޓްބާކީ "ބަޖެޓް ހިސާބު" ފޮތުން ނުވަތަ ފައިނޭންޝަލް ކޮންޓްރޯލަރ ހުއްދަކުރާ އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން، ޚަރަދާއި ބާކީ އަބަދުވެސް އެނގެން އޮންނާނެގޮތަށް ހިސާބުތައް ބަލަހައްޓަން ވާނެއެވެ.

  • މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް ހިސާބުތައް ބެލެހެއްޓުމަށްޓަކައި ބަޖެޓުން ކުރާ ކޮންމެ ޚަރަދެއް އެ ޚަރަދެއް ކުރަންޖެހޭ އައިޓަމަށާއި، ކޯޑު ނަންބަރަށާއި، ރިކަރެންޓް ޚަރަދެއްނަމަ ރިކަރެންޓް ޚަރަދުގެ ޖުމުލައަށް، ކެޕިޓަލް ޚަރަދެއްނަމަ ކެޕިޓަލް ޚަރަދުގެ ޖުމުލައަށް ވައްދަންވާނެއެވެ. އަދި ކޮންމެ ޚަރަދެއް މުޅި ބަޖެޓުގެ ޖުމުލައަށް ވައްދަންވާނެއެވެ.

  • މި މާއްދާގެ (ށ) ގައި ބުނާ ބާކީކުރުމުގެ އިތުރުން ޕްރޮގްރާމް ބަޖެޓުގައި ހިމެނިފައިވާ ކޮންމެ ހަރަކާތަކުން ވަކިވަކިން ބާކީކޮށް ބަލަހައްޓަންވާނެއެވެ.

  • މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ޚަރަދުތައް ހިސާބަށް ވެއްދުމުގައި އެ ޚަރަދެއް ކުރަންޖެހޭ އައިޓަމުގައި އެ ޚަރަދަކާ ގުޅޭގޮތުން އެނގެން ބޭނުންވާ ފުރިހަމަ މަޢުލޫމާތު (ހުއްދަދިން ތާރީޚު، ހުއްދަ ނަންބަރު، ފައިސާ ލިބެންވާ ފަރާތް، ތަކެތީގެ ނުވަތަ ޚިދުމަތުގެ ތަފުސީލު، ރޭޓު، އަގު، ބިލު ނަންބަރު، ބިލުގެ ތާރީޚު، ޗެކު ނަންބަރު ފަދަ ޚަރަދާގުޅޭ މަޢުލޫމާތު) އެނގެން އޮންނަންވާނެއެވެ.

  • މި މާއްދާގެ (ނ) ގައި ބުނެފައިވާ އައިޓަމް (އެ ޚަރަދެއް ކުރަންޖެހޭ އައިޓަމް) ނޫން އެހެން ބައިތަކަށް ޚަރަދު ވެއްދުމުގައި ތާރީޚާއި، ޗެކު ނަންބަރާއި، ފައިސާގެ އަދަދާއި، ބާކީ އެނގެން އޮތުމުން ފުދޭނެއެވެ.

  • ޚަރަދުކުރުމަށް ހުއްދަދޭ ފޮތުގައި ނުވަތަ ވައުޗަރުގައި ލިޔާ ޚަރަދުތަކަށް ހުއްދަދޭ ވެރިޔަކު ހުއްދަދިނުމުގެ ކުރިން ހުއްދަދެވޭ ޚަރަދުތައް ލިޔުނު މުވައްޒަފު ފިޔަވައި އެހެން މުވައްޒަފަކު އެ ޚަރަދުތައް ޗެކުކުރަންވާނެއެވެ. އަދި ލިޔުނު މުވައްޒަފާއި ޗެކުކުރި މުވައްޒަފުގެ މަޤާމާއި ނަންޖަހައި ސޮއިކުރަންވާނެއެވެ.

  • މި މާއްދާގެ (ޅ) ގައި ބުނާ ޚަރަދުތައް ޗެކުކުރުމަކީ، މި މާއްދާގެ (ރ) ގައި ބުނާ މަޢުލޫމާތުތައް ހުއްދަދޭ ނުވަތަ ޕޭމަންޓް ވައުޗަރުގައި ފުރިހަމައަށް ލިޔެވިފައިވޭތޯ ބެލުމާއި، އެ ޚަރަދެއް ކުރެވެނީ މި ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުމެވެ.

  • ބަޖެޓް ކޮންޓްރޯލް ފޯމުން ބަޖެޓަށް ގެންނަ އުނިއިތުރު، MG/BC01 ގައި ހިމެނިފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު ބަޖެޓުގެ ހިސާބުތަކަށް ވައްދަންވާނެއެވެ.

  • މި މާއްދާގެ (ށ)، (ނ)، (ރ) އަދި (ބ) ގައިވާ ގޮތުގެމަތިން ބަޖެޓުގެ އައިޓަމުތައް ބަލަހައްޓަންވީ ގޮތާއި، އައިޓަމުތަކުން ކުރާ މުޅި ޖުމުލަ ޚަރަދުގެ ހިސާބުގެ އައިޓަމް ބަލަހައްޓަންވީ ގޮތުގެ ނަމޫނާ، އަދި ވައުޗަރު ތައްޔާރުކުރަންޖެހޭ ގޮތުގެ ނަމޫނާ މި ގަވާއިދުގެ MG/BC02، MG/BC03އަދި MG/BC04ގައި ވާނެއެވެ.