ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

6.04 ޕޭމަންޓް ވައުޗަރުން ޚަރަދުކުރުން
  • ޕޭމަންޓް ވައުޗަރު ބޭނުންކޮށްގެން ދައުލަތުގެ ފައިސާ ޚަރަދުކޮށް ބެލެހެއްޓުމުގައި ތިރީގައިވާ ލިޔެކިޔުންތައް ރަނގަޅަށް ބަލަހައްޓަންވާނެއެވެ.

    1. ޕޭމަންޓް ވައުޗަރު

    1.1 ޕޭމަންޓް ވައުޗަރަކީ ފައިސާ ޚަރަދުކުރުމާއި ފައިސާ ހަވާލުކުރުމަށް ތައްޔާރުކުރެވޭ، ފައިސާ ލިބިގަތުމަށް ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކުގެ ޚުލާޞާ ލިޔުމެކެވެ. ފައިސާ ޚަރަދުކުރުމުގެ ވައުޗަރު ބޭނުންކޮށްގެން ފައިސާ ޚަރަދުކުރެވޭނީ އެކަމަށް ހުއްދަކުރުމުންނެވެ.

    1.2 ކޮންމެ އެކައުންޓަކުން ޚަރަދުކުރުމަށް ބޭނުންކުރަންވާނީ ވަކި ވައުޗަރެވެ. އެ އެކައުންޓަކުން ޚަރަދުކުރުމަށް ބޭނުންކުރާ ވައުޗަރުގައި ތަރުތީބުން ވައުޗަރު ނަންބަރު ޖަހަންވާނެއެވެ. ކޮންމެ އެކައުންޓެއްގެ ވައުޗަރު ނަންބަރު ޖެހުމުގައި މާލީއަހަރު ނިމުމުން، އާއަހަރުގެ ބަޖެޓުން ކުރާ ޚަރަދެއް ނަމަ ފަށަންވާނީ 1 (އެކެއް) އިންނެވެ. ފައިސާ ޚަރަދުކުރުމުގެ ވައުޗަރު ޗާޕުކޮށްފައި ބަހައްޓާނަމަ، ޗާޕުކުރަންވާނީ އަސްލަކާއި 2 (ދޭއް) ކޮޕީ ހިމެނޭ ގޮތަށެވެ.

    1.3 މިނިސްޓްރީ އޮފް ފިނޭންސްއިން ހިސާބު ބަލަހައްޓަމުންގެންދާ "ޕަބްލިކް އެކައުންޓިންގ ސިސްޓަމް" ގައި ޕޭމަންޓް ވައުޗަރު އޮންނަންޖެހޭ ގޮތާއި، ޕޭމަންޓް ވައުޗަރު ފުރިހަމަކުރަންޖެހޭ ގޮތް ބަޔާންކުރެވިފައިވާ ޕޭމަންޓް ވައުޗަރުގެ ފޯމެޓާއި، ޕޭމަންޓް ވައުޗަރު ތައްޔާރުކުރާނެ ގޮތް ބަޔާންކުރެވިފައިވާ ލިޔުން MG/BC04 ގައި ވާނެއެވެ. ދައުލަތުގެ ހުރިހާ އޮފީސްތަކުންވެސް ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅަންޖެހޭނީ މި ސިސްޓަމްގައިވާ ގޮތުގެމަތިން ޕޭމަންޓް ވައުޗަރު ފުރިހަމަކޮށްގެންނެވެ.

    2. ޕޭމަންޓް ވައުޗަރު ރަޖިސްޓަރީ

    (ހ) ޕޭމަންޓް ވައުޗަރު ރަޖިސްޓަރީ ބޭނުންކުރަންވާނީ ޕޭމަންޓް ވައުޗަރު ތައްޔާރު ކުރުމަށްފަހު ވައުޗަރުގެ ނަންބަރު ތަރުތީބުން ރެކޯޑް ކުރުމަށެވެ.
    މި ރަޖިސްޓަރީގައި ތިރީގައިވާ މަޢުލޫމާތު އެނގެން އޮންނަންވާނެއެވެ.

    1. ވައުޗަރުގެ ތާރީޚު
    2. ތައްޔާރުކުރެވޭ ހުރިހާ ވައުޗަރެއް ނަންބަރު ތަރުތީބުން
    3. އެ ޚަރަދެއްގެ ތަފުސީލު
    4. އެ ވައުޗަރެއްގައިވާ ޚަރަދުގެ ކޯޑުތަކާއި ސަބްކޯޑު އަދި ފައިސާގެ އަދަދު
    5. އެ ޚަރަދެއް ކުރި ޗެކު ނަންބަރާއި ޗެކުގެ ތާރީޚާއި ޗެކުގެ ފައިސާގެ އަދަދު

    (ށ) ޕޭމަންޓް ވައުޗަރު ރަޖިސްޓަރީގެ ނަމޫނާއެއް މި ގަވާއިދުގެ MG/BC07 ގައި ވާނެއެވެ.

    3. ޗެކު ރަޖިސްޓަރީ

    ޕޭމަންޓް ވައުޗަރު ނިޒާމެއްގައި ޗެކު ރަޖިސްޓަރީއެއް އޮންނަންވާނެއެވެ. ޗެކު ރަޖިސްޓަރީއެއްގެ އެންމެބޮޑު ބޭނުމަކީ ފައިސާ ޚަރަދުކުރާ އެކައުންޓު ބާކީކުރުމާއި، އެކައުންޓުން ކުރަމުންދާ ޚަރަދުގެ މަޢުލޫމާތު އެނގެން އޮތުމާއި، ޗެކު ނަންބަރާއި ވައުޗަރު ނަންބަރު ތަރުތީބުން އެނގެން އޮތުމެވެ. ޗެކު ރަޖިސްޓަރީ އޮންނަންވީ ގޮތުގެ ނަމޫނާ މި ގަވާއިދުގެ MG/BC08 ގައި ވާނެއެވެ.

  • ޕޭމަންޓް ވައުޗަރު ބޭނުންކުރުމުގައި ތިރީގައިވާ ކަންތައްތައް ކުރަންވާނެއެވެ.

    1. ފައިސާ ދޭންޖެހޭކަމުގެ އަސްލު ލިޔުންތައް ހޯދައި ހަމަކުރުން.
    2. ޕޭމަންޓް ވައުޗަރާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް މުވައްޒަފުންނާ ހަވާލުކޮށް، އެ ތަނެއްގައި އެ މަސައްކަތް ހިންގޭނެ އިންތިޒާމު ހަމަޖެހިފައިއޮތުން.