ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.31 އާންމުކޮށް ބީލަމަށް ހުޅުވައިލުން
  • ތަކެތި ގަތުމާއި މަސައްކަތްތައް ކުރުވުމާއި ޚިދުމަތްތައް ހޯދުމުގެ ޕްރޮޖެކްޓްތަކުގެ އަގު މިބާބުގެ ޖަދުވަލު 2 ގެ 2 ވަނަ ނަންބަރުގައިވާ އަދަދަށްވުރެ ބޮޑުވާނަމަ އާންމުކޮށް އިޢުލާނުކުރަންވާނެއެވެ. އަދި ޕްރޮޖެކްޓެއް ބީލަމަށް ހުޅުވާލުމުގައި، ޝަރުޠުހަމަވާ ފަރާތްތަކަށް ހަމަހަމަ ފުރުޞަތެއް ދިނުމުގެ ގޮތުން މި ގަވާއިދުގެ 10.38 ވަނަ މާއްދާގައިވާ ގޮތުގެމަތިން އާންމުކޮށް އިޢުލާނުކޮށް ޝާއިޢުކުރަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޝާއިޢުކޮށްފައިވާ އިޢުލާނަކާ ގުޅިގެން ބީލަން ހުށަހަޅައިފައިވަނީ އެންމެ ފަރާތަކުން ކަމުގައި ވިޔަސް، އެ ބީލަމަކީ ޝަރުޠު ފުރިހަމަވާ އަދި އެ ބީލަމުގައިވާ އަގަކީ އެކަށީގެންވާ އަގެއްކަމުގައިވާ ނަމަ، އެ ފަރާތަކަށް އެ ކަމެއް ހަވާލުކުރެވިދާނެއެވެ.

  • މި މާއްދާގެ (ށ) ގައިވާ ޝަރުޠުތައް ފުރިހަމަވާ ބީލަމެއް ހުށަހަޅައިފައި ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނު ކުރަން ވާނެއެވެ. މިގޮތުން، ދެވަނަފަހަރަށް އިޢުލާނުކުރުމުން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅައިފައި ނުވާނަމަ، ނުވަތަ މި މާއްދާގެ (ށ) ގައިވާ ޝަރުޠުތައް ފުރިހަމަވާ ބީލަމެއް ހުށަހަޅައިފައި ނުވާނަމަ، އެ ކަމަށް ޝަރުޠުހަމަވާ ޤާބިލު ފަރާތަކާ ނުވަތަ ފަރާތްތަކަކާ ވާހަކަދައްކައިގެން އެކަށީގެންވާ އަގެއްގައި އެ ކަމެއް ހަވާލުކުރެވިދާނެއެވެ.

  • މި ގަވާއިދުގައި ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދާނެ ވަކިގޮތެއް ބުނެފައިނުވާ ހިނދެއްގައި، ތަކެތި ގަނެ، މަސައްކަތް ކުރުވައި، ޚިދުމަތް ހޯދަންވާނީ، އާންމުކޮށް އިޢުލާނުކޮށް ޝާއިޢުކޮށްގެން އާންމު ބީލަމަކަށް ހުޅުވައިލައިގެންނެވެ.