ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.10 ދައުލަތަށް ލިބޭ ފައިސާ ޖަމާކުރަންޖެހޭ އެކައުންޓު
  • ދައުލަތަށް ލިބޭ އެންމެހައި ފައިސާ ބަލައިގަނެ ޖަމާކުރަންވާނީ، ނުވަތަ ބަހައްޓަންވާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ހުޅުވައި ބަލަހައްޓަމުންގެންދާ ޕަބްލިކް ބޭންކް އެކައުންޓުގައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނެތް ރަށެއްގައިނަމަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއްގައެވެ. އެފަދަ އެކައުންޓެއް އޮތް ބޭންކެއްވެސް ނެތް ރަށެއްގައިނަމަ، ދައުލަތުގެ ފައިސާ ބަހައްޓަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ހުޅުވާ އަދި ހިންގާ އެކައުންޓެއްގައެވެ. އެފަދަ އެކައުންޓެއްވެސް ނެތް ރަށެއްގައި ފައިސާ ބަހައްޓަންވާނީ ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއްގެ ދަށުން ކަނޑައަޅާ ތަނެއްގައެވެ.

  • މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 12 ވަނަ މާއްދާއާ އެއްގޮތަށް ޕަބްލިކް ބޭންކް އެކައުންޓުގެ އިތުރުން އިތުރު އެކައުންޓެއް ނުވަތަ އެކައުންޓުތަކެއްގައި ދައުލަތުގެ ފައިސާ ބަހައްޓަންޖެހިއްޖެ ހާލަތެއްގައި، އެފަދަ އެކައުންޓެއް ނުވަތަ އެކައުންޓުތަކެއް ހުޅުވައި ބަލަހައްޓަންވާނީ އެ މާއްދާގެ ދަށުން އެކުލަވައިލާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

  • މާލޭގައި ހިނގަމުންދާ ދައުލަތުގެ އޮފީސްތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފައިސާ ޖަމާކުރާ ފޯމުގެ ނަމޫނާއެއް މި ގަވާއިދުގެ MG/RV03 ގައި ވާނެއެވެ.

  • އަތޮޅުތަކުގައި ހިނގަމުންދާ ތަންތަނުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފަރކުރާ ފޯމުގެ ނަމޫނާ މި ގަވާއިދުގެ MG/RV04 ގައި ވާނެއެވެ.