ދައުލަތުގެ މުދާ

11.29 ތަކެތި ކުއްޔަށް ހޯދުމާއި، ތަންތަން ކުއްޔަށް ހިފުން
  • ދައުލަތުގެ އޮފީސްތަކުން ހިންގާ އެކިއެކި ކަންކަމާ ގުޅޭގޮތުން ކުއްޔަށް ހޯދަންޖެހޭ އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުތަކާއި ތަންތަނާއި ތަކެތި ކުއްޔަށް ހޯދަންވާނީ، ދައުލަތުގެ ތަނަކުން ނުވަތަ ދައުލަތުގެ ހިއްސާ އޮތް ތަނަކުން ނުވަތަ ރައްޔިތުންގެ ނަމުގައި ހިންގާ ތަނަކުން ލިބެންހުރިނަމަ އެ ތަނަކުންނެވެ. ނަމަވެސް، މިފަދަ ތަންތަނުން ލިބެންހުރި އަގު، މި ޚިދުމަތް އަމިއްލަ ފަރާތްތަކުން ލިބެންހުރި އަގާ އަޅާބަލާއިރު އަގުބޮޑުވާނަމަ، މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ޢަމަލުކުރުމުގެ އިޚުތިޔާރު އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާއަށް ލިބިގެންވެއެވެ.

  • ދައުލަތުގެ އޮފީހަކަށް ބޭނުންވާ އެއްޗެއް މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާފަދަ ތަނަކުން ކުއްޔަށް ލިބޭގޮތް ނުވެއްޖެނަމަ، އަމިއްލަ ފަރާތަކުން ކުއްޔަށް ހިފިދާނެއެވެ.

  • މި މާއްދާގެ (ށ) ގައިވާ ގޮތަށް ކުއްޔަށް ހިފާ އެއްޗެއްގެ ނުވަތަ ތަނެއްގެ ކުލީގެ ޖުމުލަ އަގު -/35,000 (ތިރީސް ފަސް ހާސް) ރުފިޔާ ހަމަނުވާނަމަ، މިފަދަ ޚިދުމަތްދޭ މަދުވެގެން 3 (ތިނެއް) ފަރާތަކުން އަންދާސީހިސާބު ހޯދުމަށްފަހު އެފަރާތްތަކުގެ އަންދާސީހިސާބުގައިވާ އަގުތަކަށް ބަލައި، އެންމެ އެކަށީގެންވާ އަގަކަށް ކުއްޔަށް ހިފާނީއެވެ. ނަމަވެސް، ދިގު މުއްދަތަކަށް އުޅަނދެއް ކުއްޔަށް ހިފާނަމަ، ނުވަތަ އެފަދަ އެއްޗެއް ކުއްޔަށް ހިފާފައި ބާއްވައިގެން ދަތުރުތަކެއް ކުރަން ބޭނުންވާނަމަ، އެފަދަ އެއްޗެއް ކުއްޔަށް ހިފަންވާނީ، އިޢުލާނުކޮށް އަންދާސީހިސާބު ހޯދައިގެންނެވެ.

  • އުޅަނދުފަދަ ތަކެތި ކުއްޔަށް ހިފާއިރު، އެ ތަކެތި ދުއްވާނެ މީހުން ހޯދުމާއި، މަރާމާތުކުރުމަކީ ކުއްޔަށް ދޫކުރި ފަރާތުން ކުރަންޖެހޭ ކަމެއްކަމަށް ދެފަރާތުން އެއްބަސްވެފައި އޮންނަންވާނެއެވެ. އަދި ޚިދުމަތް ނުލިބިދާ ދުވަސްތަކަށް ކުލި ނުހިނގާ ގޮތަށްވެސް އެއްބަސްވެވިފައި އޮންނަންވާނެއެވެ.

  • ވަކި މުއްދަތަކަށް ކުއްޔަށް ހިފާފައިވާ އުޅަނދެއް ނުވަތަ އެއްޗެއް ހަލާކުވުންފަދަ ކަމެއް މެދުވެރިވެގެން، ކުއްޔަށް ހިފި ފަރާތަށް ބޭނުން ނުކުރެވޭ ގޮތެއް ވެއްޖެނަމަ، އޭގެ ބަދަލުގައި ބޭނުންކުރެވޭނެ ހަމަ އެ ފެންވަރުގެ އެއްޗެއް، އިތުރު ޚަރަދަކާ ނުލައި ކުއްޔަށް ދޫކުރި ފަރާތުން ހަމަޖައްސައިދޭންވާނެކަމަށް ދެފަރާތުން އެއްބަސްވެވިފައި އޮންނަންވާނެއެވެ.

  • ދިގު މުއްދަތަކަށް (12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް) ކުއްޔަށް ހިފައިގެން އުޅޭ އުޅަނދުތަކުގައި ކުރާ ދަތުރުތަކުގެ ރިކޯޑު މި ގަވާއިދުގެ 11.27 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަލަހައްޓަންވާނެއެވެ.

  • ދައުލަތުގެ ތަނަކަށް ކުއްޔަށް ހިފާ އުޅަނދެއް ނުވަތަ އެއްގަމުގައި ދުއްވާ އެއްޗެއް ނުވަތަ ޢިމާރާތެއް ދިގު މުއްދަތަކަށް ކުއްޔަށް ހިފަންވާނީ، އެ އެއްޗެއް ނުވަތަ އެތަނެއް ކުއްޔަށް ހިފުމަށް އެއްބަސްވާ އެއްބަސްވުމެއްގައި ދެފަރާތުން ސޮއިކުރުމަށްފަހުގައެވެ. އުޅަނދުތަކާއި ވެހިކަލްފަދަ ތަކެއްޗާއި އެހެނިހެން ތަކެތި ދިގު މުއްދަތަކަށް ކުއްޔަށް ހިފަންވާނީ، އެ އެއްޗެއް ކުއްޔަށް ހިފައިގެން ގެންގުޅެންޖެހޭ މުއްދަތު ރަނގަޅަށް ބެލުމަށްފަހު، އެ މުއްދަތުގައި ކުއްޔަށް ހޭދަވާނެ ފައިސާގެ އަދަދާއި، އައު އެއްޗެއް ގަތުމަށް ދާނެ ޚަރަދު ބެލުމަށްފަހު ސަރުކާރަށް އެންމެ ފައިދާބޮޑު ގޮތަކަށެވެ.

  • ދައުލަތުގެ އޮފީސްތަކުން ބަހަން ބޭނުންވާ ސިޓީއާއި ބިލުފަދަ ތަކެތި ބެހުމަށް ކާރާއި ޕިކަޕުފަދަ ތަކެތި ކުއްޔަށް ހިފައިގެން ނުވާނެއެވެ. އެ އޮފީހަކުން ކުރާ މަސައްކަތަކާ ގުޅިގެން އެއްތަނުން އަނެއް ތަނަށް އުފުލަންޖެހޭ އެއްޗެއް އުފުލުމަށް އެފަދަ އެއްޗެއް ކުއްޔަށް ހިފިކަމުގައިވިޔަސް ދަތުރުފީގެ އިތުރަށް، ކުރި މަސައްކަތުގެ އަގުގެ ގޮތުގައި އިތުރު ފައިސާއެއް ދީގެންނުވާނެއެވެ.

  • ދައުލަތުގެ ޚަރަދުގައި ރާއްޖޭގައި ބައިތިއްބަންޖެހޭ މީހުން ބައިތިއްބުމަށް ކޮޓަރި، ހޮޓާފަދަ ތަންތަން ކުއްޔަށް ހިފުމުގައި ޢަމަލުކުރާނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.

    1. ދައުލަތުގެ ޚަރަދުގައި ރާއްޖޭގައި ބައިތިއްބަންޖެހޭ މީހުން ބައިތިއްބުމަށް ކޮޓަރި، ހޮޓާފަދަ ތަންތަން ކުއްޔަށް ހިފުމުގައި އިސްކަންދޭނީ މި މާއްދާގެ (ހ) ގައިވާފަދަ ތަނަކުން ކުއްޔަށް ހިފުމަށެވެ. މުހިންމު ސަބަބަކާހުރެ ޓޫރިސްޓް ރިޒޯޓް ނުވަތަ ހޮޓާފަދަ ތަނެއްގައި މީހަކު ބަހައްޓަން ބޭނުންވެއްޖެނަމަ، މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެ ހުއްދަ ހޯދަންވާނެއެވެ.
    2. ދައުލަތުގެ ތަނަކަށް ބޭނުންވާ ކޮޓަރިފަދަ ތަންތަން މި މާއްދާގެ (ވ) ގެ 1 ގައިވާ ގޮތުގެ މަތިން ކުއްޔަށް ލިބޭގޮތް ނުވެއްޖެނަމަ، އަމިއްލަ ފަރާތަކުން ކުއްޔަށް ހިފިދާނެއެވެ. މިގޮތަށް ކުއްޔަށް ހިފާއިރު ހިފަންވާނީ މަދުވެގެން ތިންފަރާތަކުން އަންދާސީހިސާބު ހޯދައިގެންނެވެ. ނަމަވެސް ދިގު މުއްދަތަކަށް (12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް) ތަނެއް ކުއްޔަށް ހިފާނަމަ، އެފަދަ ތަނެއް ކުއްޔަށް ހިފަންވާނީ އިޢުލާނުކޮށް އަންދާސީހިސާބު ހޯދައިގެން އެންމެ އެކަށީގެންވާ އަގަކަށެވެ.
  • ދައުލަތުގެ ބޭނުމަށް ތަންތަން ކުއްޔަށް ހިފަންވާނީ، އެ އޮފީހެއްގެ ބަޖެޓުން ޚަރަދުކުރެވެންހުރިތޯ ބަލައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

  • މި މާއްދާގެ (މ) ގައިވާ ގޮތުގެމަތިން ދައުލަތުގެ އޮފީސްތަކަށް ކުއްޔަށް ހިފާ ތަންތަނުގެ އެގްރީމެންޓުގެ މުއްދަތު ހަމަވުމަށްފަހު، އެފަދަ ތަނެއް އިތުރު މުއްދަތަކަށް ކުއްޔަށް ހިފަން ބޭނުންވާނަމަ، ކުއްޔަށް ހިފާފައިހުރި ތަނުގެ އެގްރީމެންޓުގެ މުއްދަތު ހަމަވުމުގެ ލަސްވެގެން 2 (ދޭއް) މަސްދުވަސް ކުރިން އެފަދަ ތަނެއް ހޯދުމަށް އެ އޮފީހެއްގެ ބަޖެޓުން ޚަރަދުކުރެވެންހުރިތޯ ބަލައި މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

  • ކުއްޔަށް ތަކެތި ހޯދުމާއި ތަންތަން ކުއްޔަށް ހިފުމަށްޓަކައި، އަންދާސީހިސާބު ހޯދުމުގައި ޢަމަލުކުރަންވާނީ މަސައްކަތް ކުރުވުމާއި ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރުމަށް މި ގަވާއިދުގެ ބާބު 10 ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

  • ދައުލަތުގެ އޮފީސްތަކަށް ތަންތަނާއި ތަކެތި ކުއްޔަށް ހިފުމަށްޓަކައި ވެވޭ އެއްބަސްވުންތަކުގައި، މި ގަވާއިދުގެ 11.30 ވަނަ މާއްދާގެ (ށ) ގައިވާ ބައިތައް ހިމަނަންވާނެއެވެ.