ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.64 މުދާ ބަލައިގަތުން
  • އޯޑަރުކުރެވުނު ތަކެތި އޮފީހަށް ލިބުމުން އެ ތަކެއްޗާ ހަވާލުވާ ފަރާތުން (ސްޓޮކް ބަލަހައްޓާ ފަރާތުން) ތަކެތިގަތުމަށް އޯޑަރުކުރި ފޯމުގައިވާ ތަކެތި ހަމައަށް ހުރިތޯ ބަލައި، އެއްވެސް އުނިއިތުރެއްވާނަމަ، އެކަން އެނގޭނޭގޮތަށް ނޯޓުކޮށް، ފެންވަރުދެރަ، ކަމުނުދާ ތަކެތި ނުވަތަ ހަލާކުވެފައިވާ ތަކެތި ނުވަތަ މުއްދަތު ހަމަވެފައިވާ ތަކެތި ނުވަތަ މުއްދަތު ހަމަވާން ކައިރިވެފައިވާ ތަކެތި ހުރިނަމަ އެކަންވެސް އެނގޭނޭގޮތަށް، ތަކެތި ގަތުމަށް އޯޑަރުކުރި ފޯމުގައި ލިޔެ ސޮއިކުރަންވާނެއެވެ. އަދި އެއްވެސް އުނިއިތުރެއް ނެތްނަމަ، ނުވަތަ ފެންވަރުދެރަ ކަމުނުދާ ތަކެތި ނުވަތަ ހަލާކުވެފައިވާ ތަކެތި ނުވަތަ މުއްދަތު ހަމަވެފައިވާ ނުވަތަ މުއްދަތު ހަމަވާން ކައިރިވެފައިވާ ތަކެތި ނެތްނަމަ، ތަކެތި ހަމައަށް ލިބުނުކަމަށް ތަކެތި ގަތުމަށް އޯޑަރުކުރި ފޯމުގައި ލިޔެ ތަކެއްޗާ ހަވާލުވާ ފަރާތުން ސޮއިކުރަންވާނެއެވެ.

  • އޯޑަރުކުރެވުނު ތަކެތި އޮފީހަށް ބަލައިގަންނައިރު އެ ތަކެތީގެ ތެރޭގައި ކަމުނުދާ ނުވަތަ އޯޑަރުކުރި ފެންވަރަށްވުރެ ދެރަ ތަކެތި ހުރިކަން ވަގުތުން ފާހަގަކުރެވުނުނަމަ، އޮފީހުން ހަވާލުވާންވާނީ ރަނގަޅަށް ހުރި ތަކެއްޗާއެވެ. ބަލައިނުގަނެވޭ ތަކެތި އަނބުރާ ފޮނުވާލުމަށްފަހު، އެ އަދަދަށް ރަނގަޅު ތަކެތި ގެނުވަންވާނެއެވެ.