ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.10 ނެޝަނަލް ޓެންޑަރ ބޯޑު އުފެއްދުމާއި، ބޯޑު އެކުލެވިގެންވާ ގޮތް
  • މި ގަވާއިދުގައިވާ ގޮތުގެމަތިން ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓުގެ މަސައްކަތް ކުރުމުގެ ހުއްދަދިނުމަށް ޕްރޮކިއުމަންޓް އޮފިސަރުންނާއި، ދައުލަތުގެ އޮފީސްތަކުގެ ބިޑްކޮމިޓީތަކަށް ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ބޮޑު އާންމު ޕްރޮކިއުމަންޓުގެ މަސައްކަތްތަކަށް ހުއްދަދޭނީ ނެޝަނަލް ޓެންޑަރ ބޯޑުންނެވެ.

  • ނެޝަނަލް ޓެންޑަރ ބޯޑު އެކުލެވިގެންވަނީ ޗެއަރޕަރސަނާއެކު 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ. މި ބޯޑުގައި ހިމެނުމަށް ބޭނުންވާ ފަރާތްތައް ކަނޑައަޅައި މެންބަރުން ޢައްޔަންކުރާނީ މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

  • ނެޝަނަލް ޓެންޑަރ ބޯޑުގެ ޖަލްސާތަކަށް މެންބަރުންނަށް ހާޒިރުނުވެވޭ ހާލަތްތަކުގައި، އެ މެންބަރުންގެ ބަދަލުގައި ޖަލްސާތަކަށް ހާޒިރުވާނެ ބަދަލުމެންބަރުން ޢައްޔަންކުރާނީ މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

  • މި މާއްދާގެ (ށ) އާއި، (ނ) ގެ ދަށުން ޢައްޔަންކުރާ މެންބަރުން ވާންވާނީ ފައިނޭންސް، ޕްލޭނިންގ، އިންޖިނިއަރިންގ، ލޯ އަދި ކޮމާސް ފަދަ ޕްރޮފެޝަނަލް ދާއިރާއަކަށް ނިސްބަތްވާ، އަދި އެ ރޮނގަކުން ތަޢުލީމު ލިބިފައިވާ ނުވަތަ އެފަދަ ދާއިރާއެއްގެ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.

  • މި މާއްދާގެ (ށ) އާއި، (ނ) ގެ ދަށުން މެންބަރަކު ޢައްޔަންކުރެވުނުކަމަށް ބަލަންވާނީ، ޤާނޫނާ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އެ މެންބަރަކަށް ލިޔުމުން އެކަން އެންގުމުންނެވެ.

  • ނެޝަނަލް ޓެންޑަރ ބޯޑުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ، މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ އިދާރީ އިންތިޒާމެއްގެ ތެރެއިންނެވެ. ސެކްރެޓޭރިއެޓުގެ ފަރާތުން ބޯޑުގެ ޖަލްސާތަކުގައި ބައިވެރިވާ ފަރާތަކަށް ބޯޑުގެ ޖަލްސާއެއްގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެނެއް ނުވެއެވެ.