ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އާންމު ބައިތައް

12.08 ތަނުގެ ރައްކާތެރިކަމާއި، ތަކެތީގެ ރައްކާތެރިކަން
  • ދައުލަތުގެ މަސްއޫލު އޮފީހުގެ ބެލުމުގެ ދަށުގައިވާ ދައުލަތުގެ ފައިސާއާއި މުދާ ރައްކާތެރިކޮށް ބެލެހެއްޓުމަށް މާލީޒިންމާދާރުވެރިންނަށް މަގުފަހިކޮށްދިނުމަށް ފައިނޭންޝަލް ކޮންޓްރޯލަރ މަސައްކަތްކުރަންވާނެއެވެ.

  • މި ގަވާއިދުގައި ދައުލަތުގެ މުދަލާއި ފައިސާއާއި ހިސާބުތައް ގެންގުޅުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމާ ބެހޭގޮތުން ދެވިފައިވާ އިރުޝާދުތައް މާލީޒިންމާދާރުވެރިންނަށް ރަނގަޅަށް އެނގެންވާނެއެވެ. އަދި މި އިރުޝާދުތަކުގެ ކޮޕީ މުވައްޒަފުންނަށް ލިބެން ހުންނަންވާނެއެވެ. ފައިސާ ގެންގުޅުމާއި، ސެކިއުރިޓީއާ ގުޅުންހުރި ސްޓޭޝަނަރީ ބެލެހެއްޓުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރަމުން ގެންދޭތޯ މާލީޒިންމާދާރުވެރިޔާ ބަލަންވާނެއެވެ.

  • ކޮންމެ މާލީޒިންމާދާރުވެރިއެއްގެ ބެލުމުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން ޖަވާބުދާރީކުރުވުމާއި ކޮންޓްރޯލްކުރުމަކީ މާލީޒިންމާދާރުވެރިން ކުރަންޖެހޭނެ ކަމެކެވެ.

  • ދައުލަތުގެ އޮފީސްތަކުގެ ބެލުމުގެ ދަށުގައި ހުންނަ އިމާރާތް، އުޅަނދު، ސްޓޮކް، ފަރުނީޗަރު، އިކުއިޕްމަންޓް، ފައިސާ، ހިސާބުތަކާއި ލިޔުންތައް، އަދި މިނޫންވެސް ފައިސާއާއި މުދަލުގެ ގޮތުގައި ހިމެނޭ ތަކެތި ހުރިހާ ވަގުތުތަކެއްގައިވެސް ރައްކާތެރިކަމާއިއެކު ބެލެހެއްޓޭނެ އިންތިޒާމު މާލީޒިންމާދާރުވެރިޔާ ހަމަޖައްސަންވާނެއެވެ.

  • ދައުލަތުގެ އޮފީސްތަކުގެ މެއިންސާވަރ ސިސްޓަމަކީ އެ އޮފީހެއްގެ ހުރިހާ ޑޮކިއުމަންޓްތަކެއް ރައްކާކޮށް ބަލަހައްޓާ ސިސްޓަމް ކަމުގައިވާތީ، އެ ސިސްޓަމް އޮޕަރޭޓްކޮށް ބެލެހެއްޓުން، ކަމުގެ ތަޖުރިބާހުރި ޚާއްޞަ މުވައްޒަފަކަށް ނުވަތަ މުވައްޒަފުންތަކަކަށް ހަވާލުކޮށްފައި އޮންނަންވާނެއެވެ. އަދި ސާވަރ ސިސްޓަމްގައިވާ ޑޮކިއުމަންޓްތަކުގެ ބެކަޕް ހެދިފައި ހުންނަންވާނެއެވެ. އަދި ސާވަރ ސިސްޓަމް ހުންނަންވާނީ އެކަމަށް ޚާއްޞަކުރެވިފައިވާ، އެ ސިސްޓަމް ހަވާލުކުރެވިފައިވާ މުވައްޒަފުންނަށް ނޫނީ ނުވަދެވޭގޮތަށް ހުންނަ ތަޅުލެވޭ ވަކި ތަނެއްގައެވެ.

  • މި މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ބެކަޕް ހަދައި ބެލެހެއްޓުމުގައި ޢަމަލުކުރަންވާނީ ސަރުކާރުގެ ކަމާބެހޭ އޮފީހުން އަންގާ ގޮތެއްގެމަތިންނެވެ.