ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.33 ކޮން ފައިސާއެއްކަން ނޭނގި ދައުލަތަށް ލިބޭ ފައިސާ ސަސްޕެންސް އެކައުންޓަށް ޖަމާކުރުން
  • ކޮން ކަމަކަށް ލިބުނު ކޮން ފައިސާއެއްކަން އަދި އެ ފައިސާއެއް ފޮނުވި ބޭނުމެއް ނުވަތަ މަޤުޞަދެއް ސާފުނުވާގޮތަށް އެއްވެސް މަޢުލޫމާތަކާ ނުލައި ލިބޭ ފައިސާ އެތަނަކަށް ގަވާއިދުން ބަލައިގަނެ އެކައުންޓަށް ޖަމާކުރެވުނު ކަމުގައިވިޔަސް "ރިސިޕްޓްސް އިން ސަސްޕެންސް" ގެ ނަމުގައި ޖާނަލް އެކައުންޓެއް ނުވަތަ އައިޓަމެއް އުފައްދައި، އެ އެކައުންޓަކަށް ނުވަތަ އެ އައިޓަމަކަށް އެ ފައިސާ ވައްދަންވާނެއެވެ. އަދި މިފަދަ ފައިސާއެއް ލިބުމާއެކު، އެ ފައިސާއަކާ ބެހޭ މަޢުލޫމާތު ސާފުކުރުމަށްފަހު، އެ ފައިސާ "ރިސިޕްޓްސް އިން ސަސްޕެންސް" އެކައުންޓުން ނަގައި، އެ ފައިސާ ވައްދަންޖެހޭ ރަނގަޅު އެކައުންޓަކަށް ނުވަތަ އައިޓަމަކަށް ވައްދަންވާނެއެވެ.

  • ކޮން ކަމަކަށް ލިބުނު ފައިސާއެއްކަން ނޭނގި ލިބޭ ފައިސާ ޖަމާކުރުމަށް "ރިސިޕްޓްސް އިން ސަސްޕެންސް" އެކައުންޓެއް ނުވަތަ އައިޓަމެއް ހުޅުވަން ބޭނުންވާނަމަ، އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާ މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައިގެން ހަމަޖައްސަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރިސިޕްޓްސް އިން ސަސްޕެންސް އެކައުންޓުގައި ހުންނަ ފައިސާގެ މަޢުލޫމާތު ވީއެންމެ އަވަހަކަށް ސާފުކުރުމަށް މަސައްކަތްކުރަންވާނެއެވެ. އަދި އެ ފައިސާއަކާ ބެހޭ ރަނގަޅު މަޢުލޫމާތު ސާފުވުމުން، އެ ފައިސާ ރަނގަޅު ކޯޑަށް ނުވަތަ އައިޓަމަށް ބަދަލުކުރުމަށްޓަކައި ޖާނަލް ވައުޗަރެއް ހަދަންވާނެއެވެ.

  • "ރިސިޕްޓްސް އިން ސަސްޕެންސް" އެކައުންޓު ނުވަތަ އައިޓަމުގައި ހުންނަ ފައިސާ، އެ އަހަރު ނިމޭއިރު ވަކިގޮތަކަށް ނުނިމިއްޖެނަމަ، އެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެގެން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ޓްރާންސްފަރކުރަންވާނެއެވެ. މިގޮތަށް ޓްރާންސްފަރކުރާ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްއިން "އަންކްލެއިމްޑް ފައިސާގެ ރަޖިސްޓަރީ" ގައި އިތުރު 2 (ދޭއް) އަހަރު ވަންދެން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ. އަދި މި ފައިސާ ހޯދުމަށް އެއްވެސް ފަރާތަކުން އެކަށީގެންވާ ހެތްކާއެކު ހުށަހަޅައިފިނަމަ، އެ ފައިސާ ސަސްޕެންސް އެކައުންޓުން ނުވަތަ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ނަގައި އެފަރާތަކަށް ދޭނީއެވެ.