ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.50 ދެފަރާތުން ވާހަކަދައްކައިގެން ބީލަން ހަވާލުކުރުން
  • ދެފަރާތުން ވާހަކަދައްކައިގެން ބީލަމެއް ހަވާލުކުރެވޭނީ، އެ ބީލަމަކަށް ހުއްދަދޭ ފަރާތަކުން ހުއްދަ ލިބިގެން، އެފަރާތުން ވަޒަންކޮށްފައިވާ ރިޕޯޓަށް ބެލުމަށްފަހު، ބީލަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެކަމެއް ކުރެވޭނެކަމަށް ފެންނަ ފަރާތަކާ ވާހަކަދައްކައިގެން ދެފަރާތުން އެއްބަސްވެވޭ ގޮތެއްގެމަތިންނެވެ. މިފަދަ ކަމެއް ކުރެވޭނީ ޚާއްޞަ ހާލަތެއް މެދުވެރިވެގެންނެވެ. އަދި އެނޫން ގޮތަކަށް ދެފަރާތުން ވާހަކަދައްކައިގެން ކަމެއް ކުރުމަށް ކަނޑައަޅާނަމަ، އެކަން ބީލަން ވަޒަންކުރި ރިޕޯޓުގައި ބަޔާންކުރެވިފައި އޮންނަންވާނެއެވެ.

  • ހުއްދަދޭ ފަރާތުން ހުއްދަ ލިބިގެން، ބީލަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ވަކި ފަރާތަކާއެކު ވާހަކަދައްކައިގެން ކަމެއް ކުރިޔަށް ގެންދަންވާނީ، ތިރީގައިމިވާ ކަންތައްތަކުންކުރެ ކަމަކާ ގުޅިގެންނެވެ.

    1. ޑެލިވަރީ ކުރާނެ ނުވަތަ ނިންމާނެ މުއްދަތު ނުވަތަ މަސައްކަތްކުރާގޮތް ނުވަތަ ބޭނުންތަކާ ގުޅޭ ކަރުދާހުގައިވާ ފަންނީ ތަފުސީލުތައް ހިމެނޭ އެއްބަސްވުންތައް، ޚާއްޞަ ހާލަތެއް ދިމާވެގެން އެ އެއްބަސްވުމަށް ގެންނަންޖެހޭ ކުދިކުދި ބަދަލުތަކެއް ގެނައުމުގެ ގޮތުން.
    2. ބަޖެޓުން ޚަރަދުކުރެވެން ހުރި ނިސްބަތަށް ބަލައި، ބީލަމުގެ އަދަދުތައް ދަށްކުރަންޖެހުން.
    3. ސާފުކުރަންޖެހޭ ބައެއް މަޢުލޫމާތު ކުރިން ފާހަގަކުރެވިފައި ނެތުމުގެ ސަބަބުން އެ މަޢުލޫމާތު ސާފުނުކުރެވި އޮތުން، ނުވަތަ ޓެންޑަރކުރުމުގެ ވަގުތުގައި ފައިނަލައިޒްކުރަންޖެހޭ ކަމެއް ނުކުރެވި އޮތުން.
    4. އެއްބަސްވުމެއްގެ ދަށުން ބަޔަކާ ހަވާލުކޮށްގެން ކުރަމުން ގެންދިޔަ ކަމެއް އެއްބަސްވުމާ ޚިލާފުވެގެން ނުވަތަ ޤާނޫނާ ޚިލާފުވުމުގެ ސަބަބުން އެކަމެއް އެފަރާތަކުން ވަކިކުރަންޖެހިގެން އެކަމެއް ހުއްޓާލުމުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި އެކަމެއް އެހެން ފަރާތަކާ ހަވާލުކޮށްގެން ކުރަންޖެހުން. އަދި އެފަދަ ހާލަތެއްގައި އެހެންފަރާތަކާ އެ މަސައްކަތް ހަވާލުކުރުމުގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ކޮލިފައިވާ ފަރާތްތަކަށް މަޝްވަރާ ކުރުމުގައި އިސްކަންދިނުން.
  • އެއްފަރާތުން ޕްރޮކިއުކުރާ ކަންތައްތަކުގައި ނުވަތަ ބީލަން ވަޒަންކުރުމުގައި އަގަށް ބަލަންނުޖެހޭ ހާލަތެއްގައި މެނުވީ، ދެފަރާތުން ވާހަކަދައްކާ ޓެންޑަރެއްގައި އަގާ ބެހޭގޮތުން ވާހަކައެއް ނުދެއްކޭނެއެވެ.