ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.01 ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރަން ބޭނުންވާ ކަންތައްތައް

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމެއްގެ ބޭނުމަކީ، ދައުލަތުގެ ތަންތަނަށް ތަކެތި ގަތުމާއި، ޚިދުމަތް ހޯދުމާއި، މަސައްކަތް ކުރުވުމުގައި، ހާމަކަންބޮޑު ޒިންމާދާރު ގޮތެއްގައި ހުރިހާ ފަރާތެއްގެ މަޞްލަޙަތަށް ބަލައި ވަޒަންކޮށްގެން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވާދަވެރި މާޙައުލެއްގައި ކަންތައްތައް ތަންފީޒުކުރުމެވެ.

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމެއް ހިންގުމުގައި މައިގަނޑު ގޮތެއްގައި ބަލަންވާނީ:

  • ދައުލަތުގެ ފައިސާ ހޭދަކުރެވެނީ، ވާދަވެރި މާޙައުލެއްގެ ތެރެއިން، އިޤުތިޞާދީގޮތުން އެންމެ ފައިދާހުރި، އަދި ހާމަކަންބޮޑު ޒިންމާދާރު ގޮތެއްގެމަތިންކަން ޔަގީންކުރުން.

  • ބީލަމުގައި ބައިވެރިވާ (ބީލަންވެރި) ފަރާތްތަކުގެ މެދުގައި ހަމަހަމަކަމާއި އިތުބާރާއެކު ތަފާތުކުރުމެއްނެތި ޕްރޮކިއުމަންޓުގެ ކަންތައްތައް ގެންދެވޭކަމުގެ ޔަގީންކަން ހޯދައިދިނުމާއެކު، އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުވުން.

  • ބީލަމުގައި ބައިވެރިވާ އެންމެހައި ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކާއި، މަޢުލޫމާތުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން ހޯދައިދިނުން.