ދައުލަތުގެ މުދާ

11.30 ދައުލަތުގެ ތަންތަނާއި ތަކެތި ކުއްޔަށް ދޫކުރުން
  • ދައުލަތުގެ ތަނެއް ނުވަތަ އެއްޗެއް އާންމުކޮށް ކުއްޔަށް ދޫކުރަންވާނީ، މި ގަވާއިދުގެ ބާބު 10 ގައިވާ ގޮތުގެމަތިން ބީލަމުގެ އުސޫލުން އިޢުލާނުކޮށްގެން ކުއްޔަށް ހިފާނެ އެންމެ އެކަށީގެންވާ ފަރާތެއް ހޯދައިގެންނެވެ. މިގޮތުން ހޮވޭ ފަރާތްތަކަށް ދައުލަތުގެ ތަނެއް ނުވަތަ އެއްޗެއް ކުއްޔަށް ދޭންވާނީ، ކުއްޔަށް ހިފާ ފަރާތާ ކުއްޔަށް ދޫކުރާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

  • މި މާއްދާގެ (ހ) ގައިވާ އެއްބަސްވުމުގައި ތިރީގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

    1. ކުއްޔަށް ދޫކުރާ ތަނުގެ ނުވަތަ އެއްޗެއްގެ މަޢުލޫމާތު.
    2. ކުއްޔަށް ހިފާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު.
    3. ކުއްޔަށް ދޫކުރާ މުއްދަތު.
    4. ކުލި (މަހަކަށް)
    5. ކުލި ދައްކާނެ ގޮތް.
    6. މުއްދަތުގައި ކުލި ނުދައްކައިފިނަމަ ޢަމަލުކުރާނެ ގޮތް.
    7. އެއްބަސްވުން ބާޠިލުނުކޮށް ޖޫރިމަނާގެ ގޮތުގައި އެންމެ ގިނަވެގެން ނެގޭނެ މިންވަރު.
    8. ކުލި ރިވިއުކުރާނަމަ، ރިވިއުކުރާނެ ގޮތް.
    9. ކުއްޔަށް ދޫކުރަނީ ތަނެއްނަމަ، އެ ތަނުގައި އިންވެސްޓްކުރުމަށް އެއްބަސްވާ ގޮތް.
    10. ކުއްޔަށް ހިފާ ފަރާތުގެ އިންވެސްޓްމަންޓަށް ބަދަލުދެވޭނެ ގޮތް.
    11. އެއްބަސްވުމުގައިވާ ގޮތަށް ކުއްޔާއި ޖޫރިމަނާ ނުދައްކައިފިނަމަ، އެއްބަސްވުން ބާޠިލުކޮށް ކުއްޔަށް ހިފި ފަރާތުން އެ ތަނެއް ނުވަތަ އެ އެއްޗެއް އަތުލެވޭނެކަން.
    12. ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކައިގެން ކުއްޔަށް ހިފާ ފަރާތުން އެ ތަނެއް ވަކިކުރާއިރު، އެހާތަނަށް ނުދައްކާހުރި ކުއްޔާއި ޖޫރިމަނާ ފައިސާ ހޯދާނެ ގޮތް.
    13. ކުއްޔަށް ދޫކުރާ ތަނުގައި ކުރާނެ މަސައްކަތް.
    14. ވަކި ބާވަތެއްގެ މަސައްކަތެއް ކުރުމަށް ތަނެއް ކުއްޔަށް ދޭނަމަ، އެކަމަކުން އެ މުއްދަތުގައި ހާސިލުކުރަން ބޭނުންވާ މަޤުޞަދު، އަދި އެ މަޤުޞަދު ހާސިލުނުވެއްޖެނަމަ އަޅާނެ ފިޔަވަޅު.
    15. ވަކި ބާވަތެއްގެ ކަމެއް ކުރަން ދޫކުރާ ތަނެއްނަމަ، އެ ތަނެއްގައި އެނޫން ކަމެއް ނުކުރެވޭނެކަން.
    16. ވަކި ބާވަތެއްގެ ކަމެއް ކުރަން ކުއްޔަށް ދޭނަމަ، އެތަނުގައި ކުރާ މަސައްކަތް ބެލުމަށް ނުވަތަ ދިރާސާއެއް ކުރުމަށް ކުއްޔަށް ދޫކުރި ފަރާތަށް އެތަނަށް ވަދެވޭނެކަން.
    17. ކުއްޔަށް ހިފި ތަނެއް ނުވަތަ އެއްޗެއް ދެވަނަ ފަރާތަކަށް ކުއްޔަށް ދެވޭނެ ގޮތް.
    18. ކުއްޔަށް ދޫކުރާ ތަނެއް ނުވަތަ އެއްޗެއް ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭނެ ފިޔަވަޅު.
    19. ކުއްޔަށް ހިފި އެއްޗެއް ނުވަތަ ތަނަކާ ގުޅިގެން އެއްވެސް ފަރާތަކަށް ފައިސާއެއް ދައްކަންޖެހޭނަމަ، އެ ފައިސާ ދައްކާނެ ފަރާތެއް.
    20. ކުއްޔަށް ހިފި އެއްޗެއް ނުވަތަ ތަނަކާ ގުޅޭގޮތުން އެއްވެސް ޤާނޫނަކުން ކުރަން ލާޒިމުވާ ކަމެއް އޮތްނަމަ، އެކަމެއް ކުރާނެ ގޮތަކާއި، އެކަމެއް ކުރާނެ ފަރާތެއް.
    21. އެއްބަސްވުމުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެކަން ހައްލުކުރާނެ ގޮތަކާއި، އަޅާނެ ފިޔަވަޅު.
    22. ކުއްޔަށް ދޫކުރި އެއްޗެއް ނުވަތަ ތަނެއް، މުއްދަތު ހަމަވެގެން އަނބުރާ ހަވާލުވުމުގައި އަދި ހަވާލުކުރުމުގައި ޢަމަލުކުރާނެ ގޮތް.
    23. ކުއްޔަށް ދޫކޮށްފައިވާ ތަނެއް، މުއްދަތު ހަމަވުމުގެ ކުރިން ދައުލަތުގެ ބޭނުމަކަށް ނަގަން ބޭނުންވެއްޖެނަމަ، ބަދަލު ދިނުމުގެ ކަންތައް ހަމަޖައްސާނެ ގޮތް.
    24. ވަކި ބާވަތެއްގެ މަސައްކަތެއް ކުރަން ޝަރުޠުކޮށް ކުއްޔަށް ދޫކުރާ ތަންތަނުގައި ކުރަމުންދާ މަސައްކަތް ހިނގަމުންދާ ގޮތުގެ ރިޕޯޓެއް ކަނޑައެޅޭ މުއްދަތެއްގައި ތައްޔާރުކޮށް ކުއްޔަށް ދޫކުރި ފަރާތަށް ހުށަހެޅުމަށް އެއްބަސްވުމުގައި ހިމެނުން.
    25. މި މާއްދާގެ ނަންބަރު 1 އިން 24 އަށް ބަޔާންކުރެވުނު ކަންތައްތަކުގެ އިތުރުންވެސް ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށް ދޫކުރާ ފަރާތަށް ފެންނަ މުހިންމު ކަންތައްތައް.
    26. ކުއްޔަށްދޭ ފަރާތުން އިންޝުއަރަންސް ނަގާފައިވާނަމަ، އެ އިންޝުއަރަންސްގެ ފުރިހަމަ މަޢުލޫމާތު.
  • ދައުލަތުގެ އޮފީސްތަކުން ދުވަހުކުލި ކަނޑައަޅައިގެން ކުއްޔަށް ދޫކުރާ ތަންތަނާއި ތަކެތި ކުއްޔަށް ދޫކުރާނެ އަގުތައް އެ އޮފީހަކުން ކަނޑައެޅުމަށްފަހު، އެ އަގުތައް ފާސްކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައި އަގުތައް ފާސްކޮށްފައި އޮންނަންވާނެއެވެ. އަދި އެ އަގުތައް އާންމުކޮށް ފެންނާނެހެން އެ އޮފީހެއްގެ ނޯޓިސްބޯޑުގައި ބަހައްޓަންވާނެއެވެ.

  • ދުވަހުކުއްޔަށް ދޫކުރާ ތަންތަނާއި ތަކެތި، ކުއްޔަށް ދޫކުރުމަށް އާންމުކޮށް އިޢުލާނުކުރާކަށް ނުޖެހޭނެއެވެ.