ބަޖެޓް ދޫކުރުމާއި، ޚަރަދުކުރުމަށް ހުއްދަދިނުން

4.01 ބަޖެޓް ދޫކުރުން
  • ޕަބްލިކް ބޭންކް އެކައުންޓުގައިވާ ދައުލަތުގެ ފައިސާގެ ތެރެއިން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުގައިވާ ފައިސާ ނުވަތަ ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑުގައިވާ ފައިސާ ޚަރަދުކުރެވޭނީ، ތިރީގައިމިވާ ގޮތުގެމަތިން މިނިސްޓަރު ސޮއިކޮށް، ލިޔުމުން ދޫކުރާ ހުއްދައެއްގެ ދަށުންނެވެ.

    1. ފާސްކޮށްފައިވާ ބަޖެޓެއްގައި ހިމެނޭ ޚަރަދުތައް ކުރުމަށް.
    2. ކޮންމެ މާލީއަހަރެއް ފެށޭއިރު ހުއްދަ ދޫކުރުން. މިގޮތުން ހުއްދަ ދޫކުރާނީ އަހަރަކު އެއްފަހަރު.
  • ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑާއި، ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑުން، މާލީއަހަރެއްގައި ކުރެވޭ ޖުމުލަ ޚަރަދު، އެ މާލީއަހަރެއްގެ ބަޖެޓުގައި އެ ފަންޑުން ޚަރަދުކުރުމަށް ފާސްކޮށްފައިވާ ޖުމުލަ ޚަރަދަށްވުރެ އިތުރުވެގެން ނުވާނެއެވެ.

  • ފާސްކޮށްފައިވާ ބަޖެޓަކާ ގުޅިގެން ދޫކުރެވިފައިވާ ހުއްދައެއް، އެ ބަޖެޓުގެ މުއްދަތު ހަމަވުމަށްފަހު އެ ހުއްދައިގެ ދަށުން ޚަރަދެއް ކުރެވޭނީ މާލީއަހަރުގެ ތެރޭގައި ހޯދާފައިވާ މުދަލަކަށް، ނުވަތަ ޚިދުމަތަކަށް ދޭންޖެހޭ ފައިސާގެ ބިލެއް، އެ މާލީއަހަރެއް ނިމޭފަހުން އަންނަ ސަރުކާރު ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައި އެ މިނިސްޓްރީން ހުއްދަކުރާ ގޮތެއްގެމަތިން ޚަރަދުކުރުމަށެވެ.

  • ބަޖެޓުން ފައިސާ ދޫކުރާނީ ނުވަތަ ޚަރަދުކުރާނީ، ޚަރަދުކުރަން ބޭނުންވާ މިންވަރުގެ މައްޗަށް ބަލައިގެން މިނިސްޓްރީ އޮފް ފިނޭންސްއިން ނުވަތަ އެ މިނިސްޓްރީން ހުއްދަކުރާ ގޮތެއްގެމަތިން ހުއްދަދީފައިވާ ފަރާތަކުންނެވެ.

  • މާލީއަހަރަކަށް ކަނޑައަޅާފައިވާ ބަޖެޓުގައި ހިމަނާފައިވާ ޚަރަދުތައް ކުރަން ފަށާނީ މިނިސްޓަރު ދޭ ހުއްދައަކުންނެވެ.