ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުން

17.07 ޖޫރިމަނާކުރާނެ އަދަދު ކަނޑައެޅުމާއި، ފިޔަވަޅު އެޅުން
  • ދައުލަތުގެ ފައިސާއަކާމެދު ނުވަތަ މުދަލަކާމެދު އެއްވެސް މުވައްޒަފަކު ނުވަތަ އެނޫންވެސް މީހަކު ހުއްދަ ނޫން ޢަމަލެއް ކޮށްފިނަމަ، އެފަރާތެއް ޖޫރިމަނާކުރަން ނުވަތަ އެ ފަރާތެއްގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމާމެދު މިނިސްޓަރު ގޮތެއް ނިންމަންވާނެއެވެ. ޖޫރިމަނާކޮށް މައްސަލަ ނިންމުމުގައި ކުރެވޭ ޖޫރިމަނާގެ އަދަދު ވާންވާނީ، ތިރީގައިމިވާ ގޮތުގެމަތިން ކަނޑައެޅޭ އަދަދަކަށެވެ.

    1. ހުއްދަ ނޫން ޢަމަލު ހިންގުމުގައި ހިމެނުނު ދައުލަތުގެ ފައިސާގެ އަދަދާ އެއްވަރުގެ އަދަދެއް، ނުވަތަ ދައުލަތުގެ މުދަލެއްނަމަ އެ މުދަލުގެ އަގާ އެއްވަރުގެ އަދަދެއް.
    2. މުވައްޒަފު ޒިންމާވާންޖެހޭގޮތަށް އުނިވެފައިވާ ފައިސާގެ އަދަދާ އެއްވަރުގެ އަދަދެއް.
    3. މުވައްޒަފު ވިއްކާލި ނުވަތަ ދޫކޮށްލި ނުވަތަ ހަލާކުކުރި ނުވަތަ ގެއްލުންދިން ދައުލަތުގެ މުދަލުގެ އަގާ އެއްވަރުގެ އަދަދެއް.
    4. މި ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ އަދަދު ކަނޑައަޅައި ނިންމެން ނެތް ހާލަތްތަކުގައި ޖޫރިމަނާކުރާނެ އަދަދެއް.
  • ހުއްދަ ނޫން ޢަމަލެއް މީހަކު ގަސްދުގައި ކޮށްފިނަމަ މި މާއްދާގެ (ހ) ގައިވާ ގޮތަށް ޖޫރިމަނާނުކުރާނަމަ، އެ މީހެއްގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ބަންޑާރަނާއިބުގެ އޮފީހަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިނިސްޓަރު ފޮނުވަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކުރެވޭ ޖޫރިމަނާއެއްގެ މަޤުޞަދަކީ، ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ފުރިހަމައަށް ހޯދުމެވެ. ގެއްލުމުގެ ބަދަލު ފުރިހަމައަށް ލިބެންދެން، ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު ދެމިއޮންނާނެއެވެ.

  • މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ މުއައްސަސާއަކަށް ދައްކަންޖެހޭ މުދަލެއް ނުވަތަ ފައިސާއެއް ދައްކައި ނުނިމެނީސް ވަޒީފާއިން ވަކިވާން ނުވަތަ ވަކިކުރަން ނިންމައިފިނަމަ، އެ މުވައްޒަފަކު އެހާތަނަށް ނުދައްކާ އޮތް އެއްޗެއް، ދައްކައި ޚަލާޞްކުރާނެ ގޮތަކާމެދު އެ މުވައްޒަފަކާ އެ މުއައްސަސާއަކާ ދެމެދު އެއްބަސްވާ ގޮތެއް، ވަޒީފާއިން ވަކިކުރުމުގެ ކުރިން ނިންމަންވާނެއެވެ.

  • މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ އޮފީހަކަށް ދައްކަންޖެހޭ މުދަލެއް ނުވަތަ ފައިސާއެއް ދައްކައި ނުނިމި އޮއްވައި ދައުލަތުގެ އެހެން އޮފީހަކަށް ބަދަލުވާނަމަ ނުވަތަ ބަދަލުކުރާނަމަ، އެ މުވައްޒަފަކު އެހާތަނަށް ނުދައްކާ އޮތް އެއްޗެއް ބަދަލުވާ އޮފީހަކަށް ދައްކައި ޚަލާޞްކުރުމަށް އެ މުވައްޒަފަކު އެއްބަސްކުރުވައި، އެއްބަސްވުމުގެ ލިޔުމުގެ ކޮޕީ ބަދަލުވާ އޮފީހަށް ވަޒީފާ އަދާކުރަމުންދިޔަ އޮފީހުން ފޮނުވަންވާނެއެވެ.

  • ދައުލަތުގެ މުވައްޒަފަކު ހުއްދަ ނޫން ޢަމަލެއް ނޭނގި ކުރިކަމަށް ސާބިތުވެއްޖެނަމަ، އެކަމެއް ކުރުމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމާ އެއްވަރުގެ އަދަދަކުން އެ މުވައްޒަފަކު ޖޫރިމަނާކުރުމަށްފަހު، އެ މައްސަލަ މިނިސްޓަރަށް ނިންމިދާނެއެވެ.

  • ދައުލަތުގެ މުވައްޒަފަކު މި ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ އަދަދު ކަނޑައަޅައި ނިންމެން ނެތް ހާލަތްތަކުގައި، އެ މުވައްޒަފަކު އިހުމާލުވާ މިންވަރު ކަނޑައަޅައި، އެ މުވައްޒަފަކު ޖޫރިމަނާކުރާނެ އަދަދެއް ނިންމާނީކަނޑައަޅާނީ މިނިސްޓަރެވެ.

  • މި ގަވާއިދާއި ދައުލަތުގެ މުދަލާއި ފައިސާއާ ބެހޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ އުސޫލުތަކާ ޚިލާފަށް މުވައްޒަފަކު ހިންގި ޢަމަލަކީ، ޚިޔާނާތެއް ނުވަތަ ވައްކަމެއްފަދަ ޢަމަލެއްކަމުގައިނުވާ ކަންތައްތަކުގައާއި، މި ގަވާއިދުގައި ވަކި އަދަބެއް ނުވަތަ ޖޫރިމަނާއެއް ކަނޑައެޅިފައިނުވާ ކަންތައްތަކުގައި، އިދާރީ ހިންގުން ހަރުދަނާކުރުމުގެގޮތުން ގަވާއިދާ ޚިލާފުވާ މުވައްޒަފުންނާ ދޭތެރޭ އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅު އަޅާނީ، މިނިސްޓަރު އަންގާ ގޮތެއްގެމަތިން، އެ މުވައްޒަފަކު އެ ވަގުތަކު ވަޒީފާ އަދާކުރާ އޮފީހަކުންނެވެ.