ކުދިކުދި ޚަރަދު ކުރުމަށްޓަކައި، އިމްޕްރެސްޓް ސިސްޓަމްގެ ދަށުން ޕެޓީކޭޝްގެ ގޮތުގައި ފައިސާ ބަހައްޓައިގެން ޚަރަދުކުރެވިދާނެއެވެ. މިގޮތުން ޕެޓީކޭޝް ފައިސާ ދޫކުރެވޭނީ ބޭނުންވާ ސަބަބާއި އަދަދު ބަޔާންކޮށް ލިޔުމަކުން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހެޅުމުންނެވެ.
ޕެޓީކޭޝް ފައިސާ ބަލަހައްޓަންވާނީ މި ގަވާއިދުގެ 6.28 ވަނަ މާއްދާގައިވާ އިމްޕްރެސްޓް ސިސްޓަމްގެ އުސޫލުންނެވެ. ޕެޓީކޭޝްއަށް ހުއްދަކޮށްފައިވާ އަދަދު އެތަނެއްގެ ބަޖެޓް އެކައުންޓުން ނަގައި، ޚަރަދު އައިޓަމަށް ނުވަންނާނެ ގޮތުގެމަތިން، ބަޖެޓުގެ މުޅި ޖުމުލައިން ބާކީކުރަންވާނެއެވެ.
ޕެޓީކޭޝްއިން ފައިސާ ޚަރަދުކުރުމުގައި، ފައިސާ ޚަރަދުކުރެވޭ ތާރީޚު، ހަވާލުކުރެވޭ މުވައްޒަފުގެ ނަމާއި ސޮއި، ހޯދުނު ތަކެތި ނުވަތަ ޚިދުމަތް، އެ ފައިސާ ޚަރަދުކުރެވޭ ބޭނުމާ ގުޅޭ ބަޖެޓް ކޯޑު ނަންބަރު، އަދި ޚަރަދުކުރެވުނު އަދަދު އެނގޭނެގޮތަށް ޕެޓީކޭޝް ވައުޗަރެއް ތައްޔާރުކުރަންވާނެއެވެ. އަދި އެ ވައުޗަރަކުން ކުރެވޭ ޚަރަދުތަކަށް ފައިސާ ދެއްކުމުން ލިބޭ ރަސީދުތަކާއި ބިލުތަކާއި އަދި އެހެނިހެން ލިޔުންތައް ކޮންމެ ވައުޗަރަކާއެކު އެޓޭޗްކޮށް ފައިލުކޮށް ބަލަހައްޓަންވާނެއެވެ. 31 ޑިސެންބަރުގެ ނިޔަލަށް އެ އޮފީހެއްގައި ހުރި އަތްމަތީ ފައިސާ (ޕެޓީކޭޝް) ގެ އަދަދާއި، ޑިޕޮސިޓް ފައިސާގެ ގޮތުގައި ގެންގުޅޭ ފައިސާގެ އަދަދާއި، ކޭޝް އެޑްވާންސް ފައިސާގެ ގޮތުގައި ގެންގުޅޭ ފައިސާގެ އަދަދު ކަށަވަރުކުރާ ލިޔުން ތައްޔާރުކުރާނީ މިނިސްޓްރީ އޮފް ފިނޭންސް ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
ޕެޓީކޭޝް ފައިސާއިން ކުރާ ޚަރަދު ލަސްވެގެން މަހަކު އެއްފަހަރު، ގަވާއިދުން އެ ފައިސާ ނަގަންޖެހޭ ބަޖެޓް އައިޓަމުތަކުގެ ހިސާބުތަކަށް ވައްދައި ބަޖެޓް ހިސާބުތަކުން ހަމަޖައްސަންވާނެއެވެ. އަދި މަސް ނިމުމުން ޚަރަދު ރިޕޯޓު ހަދާއިރު، އެ ރިޕޯޓާއެކު އޮންނަ ރިކޮންސިލިއޭޝަން ސްޓޭޓްމަންޓުގައި ޕެޓީކޭޝްގެ ގޮތުގައި އެތަނެއްގައި ގެންގުޅޭ އަދަދު އެނގެން އޮންނަންވާނެއެވެ.
ޕެޓީކޭޝް ފައިސާއިން ޚަރަދުކުރުމާއި، ފައިސާ ހަވާލުކުރުމުގައި، ޢަމަލުކުރާނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
ޕެޓީކޭޝް ފައިސާގެ ހިސާބުތައް ބަލަހައްޓަންވީ ގޮތުގެ ނަމޫނާ މި ގަވާއިދުގެ MG/RV11 ގައި ވާނެއެވެ.