ދައުލަތުގެ އިންޓަރނަލް އޮޑިޓް

16.04 އިންޓަރނަލް އޮޑިޓް ރާވައި ހިންގުން
  • ދައުލަތުގެ އޮފީސްތަކުގައި އިންޓަރނަލް އޮޑިޓްގެ ނިޒާމެއް ޤާއިމުކުރުމުގެ އިޚުތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

  • ދައުލަތުގެ އޮފީސްތަކުގައި ޤާއިމުކުރާ އިންޓަރނަލް އޮޑިޓްގެ ނިޒާމު ހިންގުމަށްޓަކައި ތިރީގައިވާ ބައިތައް އެކުލެވޭގޮތަށް "އިންޓަރނަލް އޮޑިޓް ޤަރާރު" މިނިސްޓަރު އެކުލަވާލައި އެ އޮފީސްތަކަށް ފޮނުވާނެއެވެ.

    1. އިންޓަރނަލް އޮޑިޓްގެ މަޤުޞަދު.
    2. އިންޓަރނަލް އޮޑިޓް ހަރަކާތުގެ ދައުރު.
    3. އިންޓަރނަލް އޮޑިޓް ކުރާ ފަރާތުގެ ޒިންމާތައް.
    4. އިންޓަރނަލް އޮޑިޓާއި އެކްސްޓާނަލް އޮޑިޓާ ދެމެދު އޮންނަންޖެހޭ ގުޅުމާއި، ވިލަރެސްކުރާނެ ގޮތް.
    5. އޮޑިޓް ޕްލޭން.
    6. ރިޕޯޓުކުރާނެ ގޮތް.
    7. އިންޓަރނަލް އޮޑިޓަށް ދީފައިވާ އިޚުތިޔާރާއި ބާރު، އަދި މުއައްސަސާގައި އިންޓަރނަލް އޮޑިޓް ކުރާ ފަރާތުގެ މިނިވަންކަން.
    8. އިންޓަރނަލް އޮޑިޓް ކުރާ ފަރާތް ޢަމަލުކުރަންޖެހޭ މިންގަނޑުތައް.
  • ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ ހަރަކާތްތައް ހިންގުމުގެ އުސޫލުތަކާއި ސްޓޭންޑަރޑްސް އަދި ރިޕޯޓުކުރުމުގެ މިންގަނޑުތައް ކަނޑައަޅާނީ، އޮޑިޓަރ ޖެނެރަލްގެ ލަފަޔާއެކު މިނިސްޓަރެވެ.

  • ދައުލަތުގެ އޮފީސްތަކުގައި ޤާއިމުކުރާ އިންޓަރނަލް އޮޑިޓް ނިޒާމުގެ މަސައްކަތްތައް ކުރާނީ އިދާރީގޮތުން މިނިވަން މާޙައުލެއްގައެވެ. އަދި އިންޓަރނަލް އޮޑިޓުން ފަހުން އޮޑިޓްކުރަން ޖެހޭނޭފަދަ މެނޭޖްމަންޓް ހަރަކާތެއްގައި އިންޓަރނަލް އޮޑިޓަރުން ޝާމިލުކޮށްގެން ނުވާނެއެވެ.

  • ދައުލަތުގެ އިންޓަރނަލް އޮޑިޓް މަސައްކަތުގެ ނަތީޖާ ގަވާއިދުން ރިޕޯޓުކުރަންވާނީ މިނިސްޓަރަށް ނުވަތަ މިނިސްޓަރ ޤާއިމުކުރާ އޮޑިޓް ކޮމިޓީއަށެވެ. އިންޓަރނަލް އޮޑިޓްގެ އެންމެ އިސްފަރާތުން މިނިސްޓަރަށް ޖަވާބުދާރީވާންޖެހޭ ކަންތައްތައް ތިރީގައި މިވަނީއެވެ.

    1. އިންޓަރނަލް އޮޑިޓުން ކުރާ މަސައްކަތަށް ބިނާކޮށް ސަރުކާރުގެ ރިސްކް މެނޭޖްމަންޓުގެ ނިޒާމާއި އިންޓަރނަލް ކޮންޓްރޯލް ހަރުދަނާތޯ އަދި އެކަށީގެންވޭތޯ ވަޒަންކޮށް އޭގެ ނަތީޖާ ފޯރުކޮށްދިނުން.
    2. އިންޓަރނަލް ކޮންޓްރޯލްގެ މައިގަނޑު މައްސަލަތަކާއި، އަދި ރިސްކް މެނޭޖްމަންޓާއި އިންޓަރނަލް ކޮންޓްރޯލްގައި ހުރި އިޞްލާޙްކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ރިޕޯޓުކުރުން.
    3. ކަނޑައެޅޭ ވަކި މުއްދަތަކަށް އަހަރީ އިންޓަރނަލް އޮޑިޓް ޕްލޭންގައިވާ ކަންތައްތައް ހާސިލުކުރެވިފައިވާ މިންވަރާއި، އޭރުގެ ހާލަތާ ބެހޭ މަޢުލޫމާތާއި، އިންޓަރނަލް އޮޑިޓް ބައިގައި ހުރި ވަސީލަތްތައް ފުދޭވަރަށް ހުރިކަމުގެ މަޢުލޫމާތު ފޯރުކޮށްދިނުން.
  • ދައުލަތުގެ އިންޓަރނަލް އޮޑިޓް ހިންގުމާ ހަވާލުވެހުންނަ ފަރާތުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

    1. ދައުލަތަށް ކުރިމަތިވެދާނެކަމަށް ދެނެގަނެވިފައިވާ ރިސްކުތަކަށް ބިނާކޮށް އަހަރީ އޮޑިޓް ޕްލޭން ތައްޔާރުކުރުން.
    2. ރިވިއުކުރުމަށާއި ހުއްދަ ހޯދުމަށް މިނިސްޓަރަށް ނުވަތަ އޮޑިޓް ކޮމިޓީއަށް ޕްލޭން ހުށަހެޅުން.
    3. ކަނޑައެޅިފައިވާ އަހަރީ އޮޑިޓް ޕްލޭނުގެ މަސައްކަތް ހިންގުން.
    4. ޕްލޭނާ އެއްގޮތަށް މަސައްކަތް ހިންގުމަށްޓަކައި، އެކަށީގެންވާ ތަޢުލީމާއި ހުނަރު އަދި ތަޖުރިބާ ލިބިފައިވާ ފަންނީ މުވައްޒަފުން ގެންގުޅުން.
    5. ފޯރުކޮށްދެވޭ ޚިދުމަތަކުން އަދި އެ ޚިދުމަތް މިހާރު ފޯރުކޮށްދެވޭގޮތުން ގަސްދުކުރެވިފައިވާ ނަތީޖާ ޚަރަދުކުޑަ އަދި އެކަށީގެންވާގޮތަށް ހާސިލުކުރެވިފައިވޭތޯ ބެލުމާއި، އަދި އެ ޚިދުމަތް އެއަށްވުރެ ރަނގަޅު ގޮތަކަށް ފޯރުކޮށްދެވިދާނެ ގޮތްތަކަށް ލަފާދިނުން.
    6. އޮޑިޓަރުންގެ ހުނަރާއި ތަޢުލީމު އަދި ފަންނީ ޤާބިލުކަން އިތުރުކޮށް ތަރައްޤީކުރުމަށް މަސައްކަތްކުރުން.