ދައުލަތުގެ ބަޖެޓުގެ ކެޕިޓަލް ޚަރަދުގެ އައިޓަމްތަކުން ޚަރަދުކޮށްގެން ހޯދާ އެންމެހައި ތަކެއްޗާއި، މަސައްކަތްތަކާއި، ބޭނުންކުރެވޭނެކަމަށް ލަފާކުރާ މުއްދަތު އެއްއަހަރަށްވުރެ ގިނަ ވާނަމަ އެ ތަކެތި ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނައިގެން MG/PR01 ގައި ހިމެނިފައިވާ ނަމޫނާއާ އެގޮތަށް ބަލަހައްޓަންވާނެއެވެ. މިގޮތުން ޕަބްލިކް އެކައުންޓް ސިސްޓަމް މެދުވެރިކޮށް ދައުލަތުގެ ހަރުމުދާ ބަލަހައްޓާނަމަ، MG/PR02 ގައި ހިމެނިފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވަންވާނެއެވެ.
ދައުލަތުގެ އޮފީހަކަށް އެކި ފަރާތްތަކުން އެހީގެގޮތުގައި ލިބޭ ހަރުމުދާ އަދި އެނޫން ގޮތްގޮތުން ދައުލަތަށް ލިބޭ ހަރުމުދާ ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނައިގެން ބަލަހައްޓަންވާނެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ފަޅުރަށްރަށާއި، ގޮއިފާލައްބަ، ހިންނަފަދަ ތަންތަނާއި، ކުޅިއާއި، ފަޅާއި، ފަރުފަދަ ތަންތަނާއި، އެ ތަންތަނާ ގުޅިފައިހުރި މާއްދީ މުދަލުގެ ރަޖިސްޓަރީ، އެ ތަނެއް ހަވާލުވެފައިވާ ދައުލަތުގެ އޮފީހަކުން ބަލަހައްޓަންވާނެއެވެ.
ދައުލަތުގެ އޮފީސްތަކުން އެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުރި ހަރުމުދަލުގެ ރަޖިސްޓަރީ ބެލެހެއްޓުމުގެ އިތުރުން މުޅި ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީއެއް މިނިސްޓްރީ އޮފް ފިނޭންސްއިން ބަލަހައްޓަންވާނެއެވެ. މުޅި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ހަރުމުދާ ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އަގުކޮށް ބަލަށް ކެނޑުމަށްފަހު ޖެހޭއަގު ކަނޑައަޅަންވާނެއެވެ.
ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމެނޭ ކޮންމެ މުދަލެއްގެ ތިރީގައިވާ މަޢުލޫމާތު ފުރިހަމަކޮށް ބެލެހެއްޓިފައި ހުންނަންވާނެއެވެ.
- އިންވެންޓްރީ ކޯޑު ނަންބަރު (މި ނަންބަރު މުދަލުގައިވެސް ޖަހަންވާނެއެވެ.)
- މުދަލުގެ ފުރިހަމަނަމާއި ތަފުސީލު (ބްރޭންޑް، މޮޑެލް، ސީރިއަލް ނަންބަރު، މިން ނުވަތަ ބަރުދަން، މުދަލުގެ ހާލަތު، މަރާމާތެއްކުރެވިފައިވާނަމަ އެކަމެއްގެ ތަފުސީލު އަދި މިނޫންވެސް މުހިންމު މަޢުލޫމާތު ހިމަނަންވާނެއެވެ.)
- މުދާ ހުރި ތަން
- މުދާ ލިބުނު ތާރީޚު
- މުދަލުގެ އަގު (ވަކިވަކިން)
- އިތުރު މަޢުލޫމާތު (ފަހުން އަންނަ ބަދަލު އެނގޭގޮތަށް)
ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީއަށް ނަގައި ހިސާބު ބަލަހައްޓަންޖެހޭ އެންމެހައި ތަކެތި ހޯދައި ލިބިގަތުމުގައި ޢަމަލުކުރާނީ މި ގަވާއިދުގެ ބާބު 10 ގައިވާ ގޮތުގެމަތިންނެވެ.
ހަރުމުދަލުގެ ހިސާބު ބަލަހައްޓަންވާނީ މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.