އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، ނުވަތަ އެއްބަސްވުން އުވައިލަން ޖެހިއްޖެނަމަ، އެ އޮފީހުގެ އެންމެ އިސްވެރިޔާ ނުވަތަ އެންމެ އިސްވެރިޔާ ކަނޑައަޅާ ފަރާތެއްގެ ހުއްދަ ހޯދަންވާނެއެވެ.
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެއްބަސްވުމަށް ގެނައުމަށް ނިންމައިފައިވާ ބަދަލުގެ ސަބަބުން، އެ އެއްބަސްވުމުގެ އަގަށް ބަދަލެއް އަންނާނެކަމަށް ފެންނަނަމަ، އަދި އެ ބަދަލާ ގުޅުވައިގެން އެ އޮފީހުން އިތުރު ޚަރަދެއް ކުރަންޖެހޭނަމަ، އެ އެއްބަސްވުން އިޞްލާޙުކުރުމުގެ ކުރިން، އެ ޚަރަދެއް އެ އޮފީހެއްގެ ބަޖެޓުން ހަމަޖެއްސޭނެކަން، މާލީ ޒިންމާދާރުވެރިޔާ ކަށަވަރުކުރަންވާނެއެވެ.
ޢަމަލުކުރަމުންދާ އެއްބަސްވުމުގެ މައިގަނޑު ސްކޯޕް ބަދަލުނުވާނެ ގޮތަކަށް، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ދައުލަތުގެ އޮފީހެއްގެ ބިޑް ކޮމިޓީއަށް އެ އެއްބަސްވުން އަންނަނިވި ގޮތުގެ މަތިން އިޞްލާޙުކުރުމަށް ހުއްދަ ދެވިދާނެއެވެ.
- އެވޯޑް ކުރި ޖުމުލަ އަގުގެ %15 (ފަނަރަ އިންސައްތަ) އާ ހަމައަށް އަގު އިތުރުކުރުމަށް؛
- އެވޯޑް ކުރި މުއްދަތުގެ %30 (ތިރީސް އިންސައްތަ) އާ ހަމައަށް މުއްދަތު އިތުރުކުރުމަށް.
ނެޝަނަލް ޓެންޑަރ ބޯޑުން އެވޯޑްކޮށްފައިވާ ޓެންޑަރުތަކަށް، މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ބަދަލު ގެނައުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ދައުލަތުގެ އޮފީހަށް ފެންނަ ހިނދެއްގައި، އެ ބަދަލެއް ގެނައުމަށް އެ ބޯޑަށް ހުށަހަޅައި، އަންނަނިވި ގޮތުގެ މަތިން އިޞްލާޙުކުރުމަށް އެ ބޯޑަށް ހުއްދަ ދެވިދާނެއެވެ.
- އެވޯޑް ކުރި ޖުމުލަ އަގުގެ %15 (ފަނަރަ އިންސައްތަ) އިން ފެށިގެން %30 (ތިރީސް އިންސައްތަ) އާ ހަމައަށް އަގު އިތުރުކުރުމަށް؛
- އެވޯޑް ކުރި މުއްދަތުގެ %30 (ތިރީސް އިންސައްތަ) އިން ފެށިގެން %50 (ފަންސާސް އިންސައްތަ) އާ ހަމައަށް މުއްދަތު އިތުރުކުރުމަށް.
އެއްބަސްވުމަށް ގެނެވޭ ބަދަލަކީ އެވޯޑް ކުރެވިފައިވާ ސްކޯޕްގެ ތެރެއިން އުނިއިތުރު ކުރެވޭ މަސައްކަތެއްކަން އެ ހުއްދަ ދޭ ފަރާތަކުން ޔަގީން ކުރަންވާނެއެވެ.
މި މާއްދާގެ (ނ) އާއި (ރ) އިން އެއްބަސްވުމަކަށް ބަދަލު ގެނައުމަށް ހުއްދަ ދިނުމުގެ ކުރިން، އެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ދައުލަތުގެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ، އަންނަނިވިކަންކަން ފުރިހަމަކުރަންވާނެއެވެ.
- ދައުލަތުގެ އޮފީހަކުން ޢަމަލުކުރަންޖެހޭ ބަޖެޓުގެ އެއްބައިން އަނެއް ބަޔަށް ބަދަލުކުރުމުގެ އުސޫލުތަކާ ތަޢާރަޟު ނުވާނެކަން ޔަޤީންކުރުން؛
- ވޭރިއޭޝަންއަށްވާ ފައިސާ ދައުލަތުގެ އޮފީހެއްގެ ބަޖެޓުން ހަމެޖެއްސުމާ ގުޅުވައިގެން، ބަޖެޓުން އެ އަހަރަކަށް ކުރުމަށް ކަނޑައަޅައިފައިވާ އެހެން ކަންތައްތަކަށް އަންނާނެ ބަދަލު ބަޔާންކުރުން.
އެއްބަސްވުމަށް ގެނެވޭ ބަދަލެއްގެ ސަބަބުން އެއްބަސްވުމުގެ އަގަށް ނުވަތަ މުއްދަތަށް ބަދަލެއް އަންނަނަމަ، އެ ބަދަލެއް، ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި ދައުލަތުން މިފަދަ ކަންތައްތައް ޝާއިޢުކުރުމަށް ކަނޑައަޅައިފައިވާ ވެބްސައިޓެއްގައި ނުވަތަ އެ އޮފީހެއްގެ ވެބްސައިޓުގައި އާންމުކޮށް ޝާއިޢުކުރަންވާނެއެވެ.