ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އާންމު ބައިތައް

12.18 ވަޒީފާތަކަށް ގެންނަ ބިދޭސީންގެ ދަތުރު އަވަސްކޮށް، އެމީހާ ފޮނުވަންޖެހޭ ތަނަކަށް ފޮނުވުން
  • ދައުލަތުގެ އެކިއެކި ވަޒީފާތަކަށް ބިދޭސީން ރާއްޖެ ގެންނަންވާނީ، އެމީހަކު ގެނައުމާއެކު އެމީހެއްގެ ވަޒީފާގެ މަސައްކަތަށް ލަސްނުކޮށް ނެރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހުގައެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ގެންނަ ބިދޭސީންގެ ތެރެއިން އަތޮޅުތަކަށް ފޮނުވަންޖެހޭ ބިދޭސީން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެމީހަކު ވަޒީފާ އަދާކުރަން ހަމަޖެހިފައިވާ ރަށަކަށް ފޮނުވަންވާނެއެވެ.

  • ދައުލަތުގެ ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން އަތޮޅުތަކުގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ވަޒީފާގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ޗުއްޓީގައި ދިޔުމާއި އައުމަށް މާލޭގައި މަޑުކުރަންޖެހޭ ދުވަސްތަކުގެ އަދަދު މަޤުބޫލު ސަބަބެއްނެތި 3 (ތިނެއް) ދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ. މި ބޭނުމަށް 3 (ތިނެއް) ދުވަހަށްވުރެ އިތުރަށް މާލޭގައި މަޑުކުރާ ދުވަސްތަކަށް އެއްވެސް ޚަރަދެއް ނުދެވޭނެއެވެ.