ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި، ލޯނަށް ފައިސާ ދޫކުރުމާއި، އަދި ގެރެންޓީދިނުން

14.02 ދަރަންޏަށް ފައިސާ ނެގުމަށް ނުވަތަ ގެރެންޓީއެއް ހޯދުމަށް އެދި ހުށަހަޅަންޖެހޭ މަޢުލޫމާތު
  • މި ގަވާއިދުގެ 14.01 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ދަރަންޏަށް ފައިސާ ނެގުމަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެއް ހުށަހަޅަންވާނީ، ގެރެންޓީ ދިނުމަށް މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުގެ މަތިން، މިނިސްޓަރަށެވެ. މިގޮތުން ހުށަހަޅާ ހުށަހެޅުމުގައި ތިރީގައިމިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

    1. ދަރަންޏަށް ނަގަން ބޭނުންވާ ފައިސާގެ އަދަދު.
    2. ލޯނުގެ ގޮތުގައި ނުވަތަ ދަރަނީގެ ގޮތުގައި ނަގަން ބޭނުންވާ ފައިސާއާ ގުޅިގެން، ދައްކަންޖެހޭ އިންޓަރެސްޓުގެ އަދަދާއި، ލޯނު ނެގުމަށްޓަކައި ނުވަތަ އެ ފައިސާ ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހައި ޚަރަދުތަކުގެ ތަފުސީލު.
    3. ލޯނުގެ ގޮތުގައި ނަގަން ބޭނުންވާ ފައިސާ ނުވަތަ ދަރަންޏަށް ނަގަން ބޭނުންވާ ފައިސާ ހޯދަން ބޭނުންވަނީ ކޮން ބޭނުމެއްގައިކަމާއި، އެކަމުގެ ސަބަބުން ހާސިލުވާނެ ތަރައްޤީގެ އަމާޒަކީ ކޮބައިކަމާއި، އެކަމުގެ ސަބަބުން ޤައުމަށް ކުރާނެ ފައިދާއަކީ ކޮބައިކަން.
    4. ލޯނުގެ ގޮތުގައި ނުވަތަ ދަރަނީގެ ގޮތުގައި ނަގާ ފައިސާ އަނބުރާ ދައްކަން ދައުލަތަށް ލާޒިމުކުރާ މުއްދަތު.
    5. ލޯނު ދޫކުރުމަށް ނުވަތަ ދަރަންޏަށް ފައިސާ ދޫކުރުމަށް އެއްބަސްވާ ފަރާތުން، ލޯނު ދިނުމުގެ ބޭނުމުގައި ނުވަތަ ދަރަންޏަށް ފައިސާ ދޫކުރުމުގެ ބޭނުމުގައި ކޮށްފައިވާ ދިރާސާ ނުވަތަ އެކުލަވާލާފައިވާ ރިޕޯޓު.
    6. ލޯނު ނެގުމުން ނުވަތަ ދަރަންޏަށް ފައިސާ ނެގުމުން، ޤައުމުގެ އިޤުތިޞާދީ ހާލަތަށް ނުވަތަ މާލީ ހާލަތަށް ކުރާނެ ހެޔޮ އަސަރާއި ނުރަނގަޅު އަސަރުގެ ތަފުސީލު.
    7. ލޯނު ނެގުމުން ނުވަތަ ދަރަންޏަށް ފައިސާ ނެގުމުން، ދައުލަތުގެ ފަރާތުން ލޯނުގެ ގޮތުގައި ނުވަތަ ދަރަނީގެ ގޮތުގައި އުފުލަންޖެހޭ ހުރިހާ އިލްތިޒާމުތަކެއްގެ ޖުމުލަ އަދަދާއި، އެ އިލްތިޒާމުތައް އަދާކޮށް ނިންމަންޖެހޭ ތާރީޚު.
  • މި ގަވާއިދުގެ 14.01 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ގެރެންޓީއެއް ދިނުމަށް، ނުވަތަ ދައުލަތުގެ މުދަލެއް ނުވަތަ ޙައްޤެއް ނުވަތަ މަޞްލަޙަތެއް ރަހުނުކުރުމަށް ނުވަތަ ދައުލަތުގެ މުދަލަކާ ނުވަތަ ފައިސާއަކާ ގުޅޭގޮތުން އަޙުދެއް ނުވަތަ ކަށަވަރުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެއް ހުށަހަޅަންވާނީ ގެރެންޓީ ދިނުމަށް މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށެވެ. އަދި އެ އުސޫލުގައި ތިރީގައިވާ މައުލޫމާތު ނުހިމެނޭނަމަ ކޮންމެ ހުށަހެޅުމެއްގައި ތިރީގައިމިވާ ތަފުސީލު ބަޔާންކުރަންވާނެއެވެ.

    1. ދައުލަތުގެ ނަމުގައި ދޭން ބޭނުންވާ ގެރެންޓީގެ، ނުވަތަ ރަހުނުކުރަން ބޭނުންވާ ދައުލަތުގެ މުދަލުގެ ނުވަތަ ޙައްޤުގެ ނުވަތަ މަޞްލަޙަތުގެ ނުވަތަ އަޙުދުގެ ނުވަތަ ކަށަވަރުކަމުގެ ތަފުސީލު.
    2. ހާސިލުވާނެ ތަރައްޤީގެ އަމާޒަކީ ކޮބައިކަމާއި، އެކަމުގެ ސަބަބުން ޤައުމަށް ކުރާނެ ފައިދާއަކީ ކޮބައިކަން.
    3. ޤައުމުގެ އިޤުތިޞާދީ ހާލަތަށް ނުވަތަ މާލީ ހާލަތަށް ކުރާނެ ހެޔޮ އަސަރާއި ނުރަނގަޅު އަސަރުގެ ތަފުސީލު.
    4. ދައުލަތުގެ ފަރާތުން އުފުލަންޖެހޭ ހުރިހާ އިލްތިޒާމުތަކެއްގެ ޖުމުލަ ތަފުސީލާއި، އެކަންތައްތައް ނިމުމަކަށް އަންނާނެ ތާރީޚު.
  • ދައުލަތުން ދަރަންޏަށް ފައިސާ ނަގާނަމަ، ދަރަންޏަށް ނެގި ޕްރިންސިޕަލް އަދަދާއި، އެއަށް ދޭންޖެހޭ އިންޓަރެސްޓާއި، އެ ފައިސާ ދަރަންޏަށް ނެގުމުގައި ހިނގާ އެހެން ޚަރަދުތައް، ބަޖެޓުގައި ކަނޑައެޅި ފާސްވެފައިވާ ގޮތުގެމަތިން ދޭންވާނީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންނެވެ. އަދި ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން ގެރެންޓީދިނުމާއި، ރަހުނުކުރުމާއި، އަޙުދުކަށަވަރު ދިނުމުގައި ކުރަންޖެހޭ އެންމެހައި ޚަރަދުތަކަށްވާ ފައިސާ ޚަރަދުކުރާނީ، ބަޖެޓުގައި ކަނޑައެޅި ފާސްވެފައިވާ ގޮތުގެމަތިން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންނެވެ.

  • ދައުލަތުން ދަރަންޏަށް ނަގާފައިވާ ފައިސާއާއި، ދައުލަތުގެ ފަރާތުން ދޭ ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގްސްގެ ހިސާބުތައް، މިނިސްޓްރީ އޮފް ފިނޭންސްއިން ލިޔެ ބަލަހައްޓަންވާނެއެވެ.

  • ދައުލަތުން ޚަރަދުކުރުމަށް މާލިއްޔަތަށް ބޭނުންވާ ފައިސާ ހޯދުމުގެގޮތުން ދަރަންޏަށް ފައިސާ ނެގުމަށް މި ގަވާއިދުގެ 14.01 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެދެވޭނީ ހަމައެކަނި މިނިސްޓަރަށެވެ.

  • ކުރު މުއްދަތުގެ ނުވަތަ ދިގު މުއްދަތުގެ ލޯނު ނެގުމަށް ނުވަތަ ދަރަންޏަށް ފައިސާ ނެގުމަށް ބޭނުންވާ މިންވަރާބެހޭ ރިޕޯޓެއް، މިނިސްޓަރު ކަނޑައަޅާ މުއްދަތެއްގައި ތައްޔާރުކޮށް މިނިސްޓަރަށް ހުށަހަޅާނީ މިނިސްޓަރު ކަނޑައަޅާ ފަރާތަކުންނެވެ.

  • މިނިސްޓްރީ އޮފް ފިނޭންސްއިން "ލޯން ރެޖިސްޓަރ" އެއް ބަލަހައްޓަންވާނެއެވެ. މި ރަޖިސްޓަރީގައި ދައުލަތަށް ނަގާފައިވާ ހުރިހާ ލޯނުތަކާ ބެހޭ ތަފުސީލު ހުންނަންވާނެއެވެ. މި ރަޖިސްޓަރީ ތައްޔާރުކޮށް ބަލަހައްޓާނީ މިނިސްޓަރު ކަނޑައަޅާ ގޮތެއްގެމަތިން މިނިސްޓަރު ކަނޑައަޅާ ފަރާތަކުންނެވެ.

  • ލޯނު ރަޖިސްޓަރީގައި މަދުވެގެން ތިރީގައިމިވާ މަޢުލޫމާތުތައް ހުންނަންވާނެއެވެ.

    1. ލޯނު ދޫކުރި ފަރާތުގެ ނަމާއި ލޯނު ނަގާފައިވާ ފަރާތުގެ ނަމާއި ލޯނުގެ ރިފަރެންސް ނަންބަރު.
    2. ލޯނުގެ އަދަދާއި ފައިސާގެ ބާވަތް، އަދި ލޯނު ނެގުމަށް ހިނގާ އެހެނިހެން ޚަރަދު.
    3. ލޯނުން ފައިސާ ނަގަން ފެށޭނެ ތާރީޚާއި، އެންމެފަހުން ފައިސާ ނެގޭނެ ތާރީޚު.
    4. ލޯނުގެ މުއްދަތު (ގްރޭސް ޕީރިއަޑްގެ ތަފުސީލާއެކު)
    5. ލޯނު ހަމަޖެއްސުމާ ގުޅޭގޮތުން ކުރެވުނު ދިރާސާ ރިޕޯޓާއި ލިޔެކިޔުންތަކުގެ ޚުލާޞާއެއް.
    6. ލޯނަށް ފައިސާ ދައްކަން ފަށަންޖެހޭ ތާރީޚާއި ފައިސާ ދައްކާނެ ގޮތުގެ ތާވަލު (ލޯން ރިޕޭމަންޓް ޝެޑިއުލް)
    7. ލޯނު ނެގުމާ ގުޅިގެން މުޖުތަމަޢަށް ކުރާނެ ފައިދާގެ ޚުލާޞާއެއް.
    8. ޕްރިންސިޕަލް އަދަދާއި އިންޓަރެސްޓުގެ ތަފުސީލް، އަދި ސިންކިންގ ފަންޑަށް ފައިސާ ޖަމާކުރަންޖެހޭނަމަ ޖަމާކުރަންވީ އަދަދު.