ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އާންމު ބައިތައް

12.10 ގެއްލުން ލިބޭ، މަދުވާ، އިތުރުވާ ދައުލަތުގެ މުދަލާއި ފައިސާ
  • ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންގެ ބެލުމުގެ ދަށުގައި ހުރި ފައިސާއަކަށް ނުވަތަ މުދަލަކަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، ނުވަތަ މަދުވެއްޖެނަމަ، ނުވަތަ އިތުރަށް ފައިސާ ދެއްކިއްޖެނަމަ، ނުވަތަ ފޭރުމެއް ނުވަތަ ވައްކަމެއް ނުވަތަ ޚިޔާނާތެއް ނުވަތަ އެނޫންވެސް އާދަޔާ ޚިލާފު ކަމެއް ހިނގައިފިނަމަ، ނުވަތަ މިފަދަ އެއްވެސް ކަމެއް ހިނގާކަމަށް ނުވަތަ ހިނގައިފިކަމަށް ޝައްކުވެއްޖެނަމަ، އެކަމާ ހަވާލުވެހުރި މުވައްޒަފު ނުވަތަ އެކަމެއް އެނގުނު މުވައްޒަފަކު، އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާއަށް ނުވަތަ އެ އޮފީހެއްގެ އިސްވެރިޔާއަށް ލަސްނުކޮށް އެކަން އަންގަންވާނެއެވެ.

  • ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންގެ އިހުމާލުން ދައުލަތަށް ލިބޭ ގެއްލުންތަކަށް އެ މުވައްޒަފުން ޒިންމާ އުފުލަން ޖެހޭނެއެވެ. މިފަދަ މައްސަލައެއްގައި އެ މުވައްޒަފަކު އިއުތިރާޒުކުރާނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެ މައްސަލައެއް ހުށަހަޅަންޖެހޭ ފަރާތަކަށް ހުށަހަޅަންވާނެއެވެ.

  • ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުރި ފައިސާ، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުނުކުރެވި ހުއްޓައި މުވައްޒަފެއްގެ އިހުމާލެއްނެތި ގެއްލިއްޖެނަމަ، ބަދަލުދިނުމުގެ ކަންތައް ހަމަޖައްސާނީ މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެ، އެ މިނިސްޓްރީން އަންގާ ގޮތެއްގެމަތިންނެވެ.

  • ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުންނަންޖެހޭ ފައިސާ، ހުންނަންޖެހޭ ވަރަށްވުރެ އިތުރުވެއްޖެނަމަ، އިތުރުވާ ފައިސާ، އެ މައްސަލަ ތަޙުޤީގުކޮށް ނިމެންދެން ބަހައްޓަންވާނީ މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ އެކައުންޓަކަށް ޖަމާކޮށްފައެވެ.

  • ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުރި ފައިސާއެއް ނުވަތަ މުދަލެއް މަދުވެއްޖެކަން ނުވަތަ ގެއްލިއްޖެކަން އެނގިއްޖެނަމަ، ވަގުތުން އެކަން ލަސްނުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގަންވާނެއެވެ. އަދި އެ މަޢުލޫމާތު ލަސްވެގެން ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި، އެ އޮފީހަކުން މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔުމުން އަންގަންވާނެއެވެ.