ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުން

17.02 ހުއްދަ ނޫން ޢަމަލުތައް ބެލުން
  • ދައުލަތުގެ އެއްވެސް މުވައްޒަފަކު އަދި އެނޫން ފަރާތަކުންވެސް މި ގަވާއިދުގެ 17.01 ގައި ބަޔާންކޮށްފައިވާ ފަދަ ހުއްދަ ނޫން ޢަމަލެއް ކޮށްފިކަން، ނުވަތަ އެފަދަ ޢަމަލެއް ކުރުމުގައި ބައިވެރިވިކަމަށް ނުވަތަ ބައިވެރިވާން އުޅޭކަމަށް ތުހުމަތުކުރެވޭނަމަ، އެކަމެއް ބަލައި، އެފަރާތަކާމެދު މި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މައްސަލައެއް ބެލުމުގެ އެންމެހައި އިދާރީ އަދި ފަންނީ ކަންކަން ބަލަހައްޓާނީ މިނިސްޓްރީ އޮފް ފިނޭންސްގެ އިންޓަރނަލް އޮޑިޓުންނެވެ.

  • މި މާއްދާގެ (ހ) ގައިވާފަދަ މައްސަލަތައް ބެލުމުގައި، ބައިވެރިކުރަންވާނީ އެފަދަ ޢަމަލެއްގައި ތުހުމަތުކުރެވޭ މުވައްޒަފަކާ ޢާއިލީގޮތުން ނުވަތަ ވިޔަފާރީގެގޮތުން އެއްވެސް ގުޅުމެއްނެތް ފަރާތްތަކެވެ.

  • އިންޓަރނަލް އޮޑިޓް ރިޕޯޓު ލިބުމުން، މި ރިޕޯޓު ބަލައި ދިރާސާކުރުމަށްފަހު، އެއްވެސް ފިޔަވަޅެއް އަޅަންޖެހޭކަމަށް "މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީ" އަށް ފެނިއްޖެނަމަ، އަޅަން ފެންނަ ފިޔަވަޅެއް ބަޔާންކޮށް، އެކަމުގެ ލަފައަކަށް އެދި މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

  • މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ފޮނުވަންޖެހޭކަމަށް ފާހަގަކުރެވޭ މައްސަލަތައް ޝަރީޢަތަށް ހުށަހަޅަންވާނީ، ބަންޑާރަނާއިބު ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށެވެ.