ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުން

17.09 ބީލަމާގުޅޭ މައްސަލަތައް ބެލުން
  • ބީލަމެއް ވަކި ފަރާތަކާ ހަވާލުކުރުމުގެ ކުރިން އެ ބީލަމަކާ ގުޅިގެން މައްސަލައެއް އޮތްނަމަ، އެ މައްސަލައެއް ބީލަން އިޢުލާންކުރި ދައުލަތުގެ އޮފީހެއްގެ ޕްރޮކިއުމަންޓް އޮފިސަރަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ.

  • ހުށަހެޅުނު މައްސަލައެއް، އެ މައްސަލަ ހުށަހެޅި ފަރާތުން އަނބުރާ ގެންދިޔުން، ނުވަތަ މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވާ ފަރާތުން ވާހަކަދައްކައިގެން އެ މައްސަލައެއް ހައްލުނުކުރެވޭ ހިނދެއްގައި، ޕްރޮކިއުމަންޓް އޮފިސަރު ޢަމަލުކުރާނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.

    1. އެ މައްސަލަ ހިނގާފައިވާ ގޮތް ވަގުތުން ބަލަން ފެށުން.
    2. މައްސަލަ ވަކިގޮތަކަށް ނުނިމެނީސް ކޮންޓްރެކްޓް ހަވާލުނުކުރުން.
    3. މައްސަލަ ހުށަހަޅާ ތާރީޚުން ފެށިގެން ސަރުކާރު ބަންދު ނޫން 14 (ސާދަ) ދުވަހުގެ ތެރޭގައި، މައްސަލަ ނިންމައި، މައްސަލަ ނިންމި ގޮތް ލިޔުމަކުން މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އެންގުން.
  • މައްސަލަ ބަލައި ނިމުމުން، އެ މައްސަލަ ނިންމި ގޮތް ތިރީގައިމިވާ ގޮތުގެމަތިން މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ.

    1. މައްސަލަ އެއްކޮށް ނުވަތަ މައްސަލައިގެ ބައެއް ގަބޫލުކުރިކަން ނުވަތަ މައްސަލަ ގަބޫލުނުކުރާކަން.
    2. މައްސަލަ ނިންމި ގޮތް.
    3. މައްސަލައިގައި ކަމެއް ރަނގަޅުކުރުމަށް ނިންމިނަމަ، އެކަމެއް ރަނގަޅުކުރުމުގެގޮތުން އަޅަން ނިންމި ފިޔަވަޅެއް.