ގަންނަން ބޭނުންވާ ތަކެއްޗަށް އޯޑަރުކުރުމަށްޓަކައި މުދަލަށް އޯޑަރުކުރާ ފޯމުގެ އަސްލާއި 3 (ތިނެއް) ކޮޕީ ތައްޔާރުކޮށް ޕްރޮކިއުމަންޓް އޮފިސަރު ނުވަތަ އިސްވެރިޔަކު ސޮއިކޮށް އޯޑަރުފޯމުގެ އަސްލު، ތަކެތި ވިއްކާ ފަރާތަށް ފޮނުވަންވާނެއެވެ. އަދި ސޮއިކުރި 3 (ތިނެއް) ކޮޕީގެ ތެރެއިން އެއްކޮޕީ، އެ ތަކެތި ގަތުމުގެ މަސައްކަތްކުރާ ފަރާތުގައި ބާއްވަންވާނެއެވެ. އަނެއް ކޮޕީ، މުދާ ގެންނައިރު އައިސްފައިވަނީ އޯޑަރުކުރި ތަކެތިތޯ ބެލުމަށް ސްޓޮކް ބަލަހައްޓާ ފަރާތަށް ހަވާލުކުރަންވާނެއެވެ. އަނެއް ކޮޕީ، ހިސާބު ބަލަހައްޓާ ސެކްޝަނަށް ބާއްވަންވާނެއެވެ. މުދަލަށް އޯޑަރުކުރާ ފޯމުގެ ނަމޫނާ މި ގަވާއިދުގެ MG/PC02ގައި ވާނެއެވެ.
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މުދަލަށް އޯޑަރުކުރާ ފޯމުތައް ޗާޕުކޮށް ފޮތް ހަދާފައި ބަހައްޓަންވާނީ، ހުރިހާ ފޯމެއްގައި ތަރުތީބުން ސީރިއަލް ނަންބަރު ޖަހާފައެވެ. ސީރިއަލް ނަންބަރު ޖެހުމުގައި އަސްލާއި 3 (ތިނެއް) ކޮޕީގައި އޮންނަންވާނީ އެއްނަންބަރެކެވެ.