އިބްތިދާއީ މާއްދާތައް

1.04 މެނުއަލް ރިކޯޑުތައް
  • ހިސާބުތަކާބެހޭ ފޮތްތަކުގެ ތެރެއިން ބައިންޑްކުރެވޭ ފޮތްތައް ހުންނަންވާނީ ބައިންޑްކޮށްފައެވެ. ވަކިވަކި ގަނޑު އަދި ލެޖަރޝީޓާއި ކާޑުފަދަ ތަކެތި ބޭނުންކުރެވޭނީ، ފައިނޭންޝަލް ކޮންޓްރޯލަރުގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. މިފަދަ ފޮތްތަކާއި ޝީޓު ނުވަތަ ކާޑުފަދަ ތަކެތި ބޭނުންކުރުމުގެ ކުރިން ތަރުތީބު ނަންބަރު ޖަހާފައި ހުންނަންވާނެއެވެ.

  • ހިސާބުތަކާބެހޭ ފޮތްތަކުގައި ސަފުހާ ނަންބަރު ޖަހާފައިވާ އެއްވެސް ގަނޑެއް، އެއްވެސް ހާލަތެއްގައި ފޮތުން ވަކިކޮށްގެން ނުވާނެއެވެ. އެފަދަ ފޮތްތަކުގައި ބޭނުންނުކޮށް ހުންނަ ސަފުހާތައް ހަލާކުވެ ނުވަތަ ހަޑިވެއްޖެނަމަ، އެ ސަފުހާތަކުގައި "ކެންސަލް ކުރެވިފައި" ލިޔެ، ކަތިހުރަހަށް ދެރޮނގު ދަމަންވާނެއެވެ. އަދި އެގޮތަށް ކެންސަލްކުރެވުނު ސަފުހާތައްވެސް ފޮތުގައި ބަހައްޓާފައި ހުންނަންވާނެއެވެ.

  • ހިސާބާބެހޭ ފޮތްތަކާއި ހިސާބު ބަލަހައްޓާ ފޯމުތަކާއި މިފަދަ އެހެނިހެން ލިޔެކިޔުންތަކުގައި ކުރެވޭ އެންޓްރީތައް ލިޔެފައި ހުންނަންވާނީ، ކަޅު ނުވަތަ ނޫކުލައިގެ ދެލި ނުފޭދޭ ބޯލްޕޮއިންޓް ގަލަމަކުންނެވެ. އަދި ޓައިޕްކުރެވިފައި ހުންނަންވާނީ ކަޅު ނުވަތަ ނޫކުލައިގެ ދެލިންނެވެ. ނަމަވެސް ކްރެޑިޓް އައިޓަމްތައް ފާހަގަކުރުމަށް ރަތްދެލި ބޭނުންކުރެވިދާނެއެވެ. ފެހިދެލި ޚާއްޞަކުރެވިފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދާ އޮޑިޓަރުންނަށް އެކަންޏެވެ.

  • ނުބައިކޮށް ލިޔެވިފައި ހުންނަ އެންޓްރީތައް ރީތިކޮށް ކަނޑައި، ރަނގަޅު އެންޓްރީ އޭގެމަތީގައި ސާފުކޮށް އެނގޭނޭހެން ލިޔެ، މާލީޒިންމާދާރުވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ސޮއިކުރަންވާނެއެވެ. އެއްވެސް ހާލެއްގައި އެންޓްރީއެއް ފޮހެ، އަކުރު ފަވައި، ޓިޕެކްސްފަދަ އެއްޗެއް ޖަހައި ހަދައިގެން ނުވާނެއެވެ.

  • ހިސާބު ބަލަހައްޓާ ފޮތްތަކާއި ހިސާބާބެހޭ ލިޔެކިޔުންތަކުގައި، އޮޑިޓްކުރުމަށްފަހު އޮޑިޓަރުން ލިޔެފައި ހުންނަ އޮޑިޓް އެންޓްރީތައް އެ އޮޑިޓެއް ކުރި ފަރާތަކުން ނޫން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.

  • މި ގަވާއިދުގެ ބޭނުމަށް ހިސާބުތައް ބަލަހައްޓާ ފޮތުގެ މާނައިގައި ލެޖަރ، ޖަރނަލް، ކޭޝްބުކް، ޚުލާޞާ އަދި ދައުލަތުގެ މާލިއްޔަތުގެ ފުރިހަމަ ރިކޯޑު ގަވާއިދުން ބެލެހެއްޓުމަށް ކޮންމެހެން ބޭނުންވާނެކަމަށް ފައިނޭންޝަލް ކޮންޓްރޯލަރ އަންގާ ރިކޯޑުތައް ހިމެނެއެވެ.