ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.07 އެކައުންޓުގައި ފައިސާ ނެތިގެން އަނބުރާ ލިބޭ ޗެކުގެ ފައިސާ ހޯދުން
  • ޗެކެއް ޑިސްއޮނަރވި (ބޭންކުން ގަބޫލުނުކުރި) ކަމުގެ މަޢުލޫމާތު ލިބުމާއެކު، އެ ޗެކެއް އަވަހަށް ހޯދައި، އެ ފައިސާއަކާ ބެހޭގޮތުން މި މާއްދާގައި ބަޔާންކުރެވިފައިވާ ތިރީގައިމިވާ މަޢުލޫމާތު ހިމެނޭގޮތަށް ރަޖިސްޓަރީއެއްގައި ލިޔެ ރިކޯޑު ބަލަހައްޓަންވާނެއެވެ. އަދި ތިރީގައިމިވާ ގޮތުގެމަތިން ފައިސާ ހޯދުމަށް މަސައްކަތްކުރަންވާނެއެވެ.

    1. ޗެކު ތައްޔާރުކުރުމުގައި ހުރި މައްސަލައެއްނަމަ، އެކަން ރަނގަޅުކުރުމަށް ފައިސާ ދެއްކި ފަރާތާ ވަގުތުން ގުޅުން.
    2. މައްސަލަ ދިމާވެފައިވާ ޗެކު ރަނގަޅުކޮށް ނުވަތަ އެ ޗެކުގެ ބަދަލުގައި މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ފައިސާ ހޯދުމަށްފަހު، އެ ޗެކު ނުވަތަ އެ ފައިސާ އަލުން ޖަމާކުރުން. އަދި މި މަޢުލޫމާތު ރަޖިސްޓަރީގައި ފުރިހަމަކުރުން.
  • ދައުލަތުގެ އޮފީހަކަށް ބަލައިގެންފައިވާ ޗެކެއް، އެ ޗެކު ދޫކޮށްފައިވާ އެކައުންޓުގައި އެ އަދަދަށް ފައިސާ ނެތިގެން ނުވަތަ އެއްވެސް ސަބަބަކާހުރެ ޗެކު އަނބުރާ ލިބިއްޖެނަމަ، އެ ޗެކުގައި އޮތް އަދަދުގެ ނަގުދު ފައިސާއިން ނުވަތަ ބޭންކް ގެރެންޓީ ޖަހާފައިވާ ޗެކަކުން، އެކަން އަންގާ ވަގުތުން ފެށިގެން ލަސްވެގެން ޖެހިގެން އަންނަ ސަރުކާރު ބަންދު ނޫން ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފައިސާ ދެއްކުމަށް އެ ޗެކު ދޫކުރި ފަރާތަށް ލިޔުމުން އަންގައި ސޮއިކުރުވަންވާނެއެވެ.

  • ފައިސާ ނުލިބިގެން އަނބުރާ ލިބޭ ޗެކު، އެ ޗެކު ފޮނުވި ފަރާތާ އަނބުރާ ހަވާލުކުރަންވާނީ، އެ ޗެކުން ދެއްކި ފައިސާ އެ އޮފީހަކަށް ލިބުމުންނެވެ.

  • ޗެކު ދޫކުރި އެކައުންޓުގައި ފައިސާ ނެތިގެން ޗެކެއް އަނބުރާ ލިބިއްޖެނަމަ، އެ ޗެކުގައި އޮތް އަދަދުގެ ފައިސާއަކީ ނުލިބޭ ފައިސާއެއްކަމަށް ބަލައި، ފައިސާ ބަލައިގަތް ރަސީދާއި ހިސާބުތަކުން ހަމަޖައްސަންވާނެއެވެ. މި ފައިސާ އަލުން ބަލައިގަންނާނީ، މި ގަވާއިދުގެ 5.05 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރަސީދަކުންނެވެ.

  • އެކައުންޓުގައި ފައިސާ ނެތިގެން ނުވަތަ ފައިސާ ދެއްކި ފަރާތުގެ އިހުމާލެއް އޮވެގެން އަނބުރާ ލިބުނު ޗެކު ބަލައިގަތް ކަމަކީ ވަކި ތާރީޚަކަށް ފައިސާ ނުދައްކައިފިނަމަ ޖޫރިމަނާވާ ބާވަތުގެ ކަމެއްކަމަށް ވެފައި، ޗެކު އަނބުރާ ލިބުނުއިރު އެ ތާރީޚު ފާއިތުވެފައިވާނަމަ، އެ ޗެކުގައި އޮންނަ އަދަދުގެ ނަގުދުފައިސާ ބަލައިގަންނަންވާނީ ޖޫރިމަނާ ފައިސާއާ އެކުގައެވެ.

  • މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ފައިސާ ނުދައްކައިފިނަމަ، ލަސްނުކޮށް ފައިސާ ހޯދުމަށް މަސައްކަތްކުރަންވާނެއެވެ. އަދި އެ ފައިސާ ދެއްކުމަށް ފުރަތަމަ އެންގި ތާރީޚުން ފެށިގެން ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، ފައިސާ ހޯދުމަށް އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު ލަސްނުކޮށް އަޅަންވާނެއެވެ.

  • އެކައުންޓުގައި ފައިސާ ނެތި ޗެކު ދޫކުރި ފަރާތުން މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޗެކުގެ ފައިސާ ނުދައްކައިފިނަމަ، އެކައުންޓުގައި ފައިސާ ނެތި ޗެކު ދޫކުރި ފަރާތުގެ މައްސަލަ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅަންވާނެއެވެ.

  • އެކައުންޓުގައި ފައިސާ ނެތިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ އަނބުރާ ލިބުނު ޗެކެއްގެ ފައިސާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ނުލިބިއްޖެނަމަ، ދެން އެ ފަރާތުގެ ޗެކެއް ބަލައިގަންނަންވާނީ ތިރީގައިމިވާ މުއްދަތު ހަމަވަންދެން ބޭންކް ގެރެންޓީ ޗެކެއް ގެނައުމުންނެވެ.

    1. ޗެކު އަނބުރާ ލިބުނު ފުރަތަމަފަހަރު 6 (ހައެއް) މަސްދުވަސް ވަންދެން.
    2. ޗެކު އަނބުރާ ލިބުނު ދެވަނަފަހަރު 12 (ބާރަ) މަސްދުވަސް ވަންދެން.
    3. ޗެކު އަނބުރާ ލިބުނު ތިންވަނަފަހަރު 24 (ސައުވީސް) މަސްދުވަސް ވަންދެން.