މުވައްޒަފުންގެ މާލީޒިންމާ، ބާރު އަދި މަސްއޫލިއްޔަތު

2.03 މާލީޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް
  • ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި، މިނިވަން މުއައްސަސާތަކާއި، ކައުންސިލުތަކުގެ މާލިއްޔަތާބެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުމަށްޓަކައި އެއިން ކޮންމެ އޮފީހެއްގައި މާލީޒިންމާދާރުވެރިޔަކު ހުންނަންވާނެއެވެ. މާލީޒިންމާދާރުވެރިޔާގެ ޒިންމާތައް ތިރީގައި މިވަނީއެވެ.

    1. އެ ތަނަކަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، އެ ތަނުން ހިނގާނެކަމަށް ލަފާކުރާ ރިކަރަންޓް ޚަރަދާއި ކެޕިޓަލް ޚަރަދު ހިމަނައިގެން، އެ އަހަރަކަށް ލަފާކުރާ ބަޖެޓް އެކުލަވައިލައި، އަދި މި ގަވާއިދުގައިވާ ތާރީޚަށް މިނިސްޓަރަށް ހުށަހެޅުން.
    2. ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ބަޔާންކުރާ ކޭޝްފްލޯ ޕްލޭން މިނިސްޓްރީ އޮފް ފިނޭންސްއިން އަންގާ ގޮތެއްގެ މަތިން ތައްޔާރުކޮށް ރިޕޯޓުކުރުން.
    3. ކޮންމެ މާލީއަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި (މާރިޗު 31 ގެ ނިޔަލަށް) އެ އޮފީހެއްގެ އިސްވެރިޔާގެ މަޝްވަރާގެ މަތިން އެ ތަނެއްގެ އަހަރީ ރިޕޯޓު އޮޑިޓަރ ޖެނެރަލަށް ހުށަހެޅުން.
    4. މާލީޒިންމާދާރުވެރިން ނިސްބަތްވާ އޮފީސްތަކާއި، އެ އޮފީސްތަކުގެ ޑިޕާޓްމަންޓުތަކާއި، ކޮސްޓް ސެންޓަރުތަކާއި، ދައުލަތުގެ އެހެނިހެން އޮފީސްތައް ޚަރަދުކުޑަކޮށް، ހަރުދަނާކޮށް އަދި ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ހިންގައި ބެލެހެއްޓުމަކީ މާލީޒިންމާދާރުވެރިންގެ ޒިންމާއަކަށްވާތީ، މިކަންތައްތަކަށް ޢަމަލުކުރުމުގެގޮތުން މިކަމާގުޅޭ އިރުޝާދުތައް، އެފަރާތުގެ ބެލުމުގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓްތަކަށް ދިނުން.
    5. މާލީޒިންމާދާރުވެރިންގެ ބެލުމުގެ ދަށުގައިވާ ހުރިހާ މުވައްޒަފުންނަކީ މާލީ، އަދި ހިސާބު ބެލެހެއްޓުމަށް އެކަށޭނަ، އަދި އެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މުވައްޒަފުންތޯ ބަލައި، ތަމްރީނުދިނުމަކީ މާލީޒިންމާދާރުވެރިންގެ މަސްއޫލިއްޔަތަކަށްވާތީ، މިފަދަ ތަމްރީނުތަކާއެކު، ޑިޕާޓްމަންޓުތަކުގެ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ލިޔެފައިވާ އިރުޝާދުތައް ހުރިހާ މުވައްޒަފުންނަށް ހުރިހާ ވަގުތެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
    6. މި މާއްދާގެ 4 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ޑިޕާޓްމަންޓުތަކުގެ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ލިޔެފައިވާ އިރުޝާދުތައް ހުންނަންވާނީ، މި ގަވާއިދާއި، ސަރުކާރުގެ ސިޔާސަތާއި ހިސާބު ބެލެހެއްޓުމާބެހޭ އާންމު އިރުޝާދުތަކާއި، ފައިނޭންޝަލް ކޮންޓްރޯލަރ ކަނޑައަޅާފައިވާ ހަމަތަކާއި، އުސޫލުތަކާއި، އަދި އެއްވެސް ޤާނޫނަކާ ތައާރުޒުނުވާ ގޮތެއްގެމަތިންކަން ކަށަވަރުކުރުން.
    7. ޑިޕާޓްމަންޓްތަކުގެ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ލިޔެފައިވާ އިރުޝާދުތަކާއި އެއަށް ގެނެވޭ އިޞްލާޙުތަކުގެ ކޮޕީ ފައިނޭންޝަލް ކޮންޓްރޯލަރަށް ހުށަހަޅައި ލަފާ ހޯދުން.
    8. މި ގަވާއިދުގައި ބަޔާންކުރެވިފައިނުވާ ކަމަކުން، ހިސާބުތަކާއި މާލީރިކޯޑުތަކަށް ބަދަލެއް އަތުވެދާނެކަމަށް ފާހަގަކުރެވިއްޖެނަމަ، ފައިނޭންޝަލް ކޮންޓްރޯލަރަށް ލިޔުމުން ހުށަހެޅުން.
    9. މި ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމުގައި ދަތިތަކެއް މެދުވެރިވެއްޖެނަމަ، އެކަމެއް ޙައްލުކުރުމަށް އެ ތަނަކަށް ފެންނަ ގޮތުގެ ލަފަޔާއެކު ފައިނޭންޝަލް ކޮންޓްރޯލަރަށް ލިޔުމުން ހުށަހެޅުން.
    10. އެކައުންޓްސް އޮފިސަރުންގެ މަސްއޫލިއްޔަތަކީ އެކައުންޓްސް އޮފިސަރުން ޢައްޔަންކުރެވިފައިނުވާ ތަންތަނުގައި، އެކައުންޓްސް އޮފިސަރުންގެ ޒިންމާގެ ތެރޭގައި ހިމެނޭ ހުރިހާ ކަމެއް ކުރާނީ އެ އޮފީހެއްގައި އެކަމަށް ޢައްޔަންކޮށްފައިވާ ފަރާތަކުން ޒިންމާވާގޮތަށްކަން ކަށަވަރުކުރުން.
    11. ދައުލަތުގެ އޮފީހަކުން ކުރާ ޚަރަދުތަކަށް ހުއްދަދޭ އޮތޮރައިޒިންގ އޮފިސަރުން ޢައްޔަންކޮށް، އެ މުވައްޒަފުންނަށް ހުއްދަދެވޭނެ އެންމެމަތީ އަދަދު ކަނޑައަޅައި، ޕޭމަންޓް ވައުޗަރުގައި ހުއްދަދޭ ސޮއި (ސްޕެސިމެން ސިގްނޭޗަރ) ކަށަވަރުކުރުމަށް ފައިނޭންޝަލް ކޮންޓްރޯލަރަށް ހުށަހެޅުން.
    12. މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުން ފެށިގެން 11 ވަނަ ނަންބަރުގެ ނިޔަލަށް ހިމެނޭ ކަންތައްތަކުގެ އިތުރުންވެސް ދައުލަތުގެ އޮފީހެއްގެ އިސްވެރިޔާ ކުރުމަށް ހަވާލުކުރާ މާލީކަންކަން ކުރުން.
  • މާލީޒިންމާދާރުވެރިޔާއަށް ޤާނޫނާއި މި ގަވާއިދުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ޒިންމާތައް މާލީޒިންމާދާރުވެރިޔާއަށް އަމިއްލައަށް އަދާކުރެވިދާނެއެވެ. ނުވަތަ ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރާ ލިޔުމުން ހަވާލުކޮށްގެންވެސް ކުރުވިދާނެއެވެ. މިގޮތަށް ހަވާލުކުރުމަކުން މާލީޒިންމާދާރުވެރިޔާއަށް އޭނާގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ބަރީއައެއް ނުވެވޭނެއެވެ.