ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.32 މުޢާމަލާތުކުރުމާއި، މަޢުލޫމާތުދިނުން
  • ދައުލަތުގެ އޮފީސްތަކުން ޓެންޑަރަރ (ބީލަންވެރިން) ނުވަތަ ސަޕްލަޔަރަކާ މުޢާމަލާތުކުރަންވާނީ ލިޔުމުންނެވެ. މިނޫން ގޮތަކަށް ކުރެވޭ މުޢާމަލާތުވެސް ލިޔެކިޔުމުން ފެންނަން ހުންނަންވާނެއެވެ. ލިޔެކިޔުމުންކަމަށް ބުނެފައި އެވަނީ، ކުރެވިފައިވާ މުޢާމަލާތެއްގެ ހުރިހާ މަޢުލޫމާތެއް ފެންނަން ހުންނާނެ ކޮންމެ ގޮތެކެވެ.

  • އިލެކްޓްރޯނިކް ޓެންޑަރިންގ ނުވަތަ ޓެކްނޮލޮޖީގެގޮތުން ކުރިއަރާފައިވާ ޒަމާނީ މުވާޞަލާތީ ވަސީލަތްތައް ބީލަންކުރުމުގައި ބޭނުންކުރަންވާނީ، ޕްރޮކިއުމަންޓުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް މި ގަވާއިދުގައި ބުނެވިފައިވާ ގޮތާއި، ޕްރޮކިއުމަންޓް ޕޮލިސީ ކަނޑައަޅާ ފަރާތުން ނެރޭ ދެންނެވުމާ އެއްގޮތަށެވެ.

  • ބީލަން ހުށަހެޅުމަށް މަޢުލޫމާތު ދޭންވާނީ، މި ގަވާއިދުގެ 10.37 ވަނަ މާއްދާގައިވާ ގޮތުގެމަތިން ލިޔުމުންނެވެ. މި ލިޔުމުގައި އެކަމެއްގެ ތަފުސީލުގެ އިތުރުން އެކަމެއް ކުރުވާނެ ފަރާތެއް ހޮވުމުގައި ބަލާނެ ގޮތްތައް ބަޔާންކުރަންވާނެއެވެ.