ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.56 ޕްރޮކިއުމަންޓާބެހޭ މަޢުލޫމާތު ރައްކާކޮށް ބެލެހެއްޓުމާއި ނައްތާލުން
  • ދައުލަތުގެ އޮފީސްތަކުން ކުރިޔަށްގެންދާ ޕްރޮކިއުމަންޓާބެހޭ ކަންތައްތަކުގެ ހުރިހާ މަޢުލޫމާތުތަކާއި، ކޮންޓްރެކްޓް ހިންގާ ބެލެހެއްޓުމުގެ މަޢުލޫމާތު އެތަނަކުން ރަނގަޅަށް ބަލަހައްޓަންވާނެއެވެ.

  • ޕްރޮކިއުމަންޓާބެހޭ މަޢުލޫމާތާއި ރިކޯޑުތައް ނައްތާލަންވާނީ މި ގަވާއިދުގެ 12.02 ވަނަ މާއްދާއާއި 12.03 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ. މިފަދަ ލިޔުންތަކަށްވީ މުއްދަތު ބަލަން ފަށާނީ ތިރީގައިމިވާ ހާލަތްތައް ނިމޭ ދުވަހާ ޖެހިގެން އަންނަ ދުވަހުން ފެށިގެންނެވެ.

    1. ކޮންޓްރެކްޓެއް ނިމުމުން ނުވަތަ އުވާލުމުން.
    2. ޕްރޮކިއުމަންޓުގެ މަސައްކަތެއް ކުރިޔަށްގެންދިޔުން ހުއްޓާލުމަށް ނިންމުމުން.
    3. ކޮންޓްރެކްޓެއްގެ ދަށުން އުފެދިފައިވާ ދެބަސްވުމެއް ހައްލުވުމުން.
    4. ހުށަހެޅިފައިވާ މައްސަލައެއް ނުވަތަ ޝަކުވާއަކާ ގުޅޭގޮތުން ބަލާ މައްސަލައެއް ނިންމުމުން.
  • ޕްރޮކިއުމަންޓާގުޅޭ ރިކޯޑުގެ ގޮތުގައި ބެލެވޭ ލިޔުންތައް ކަމުގައި ވާންވާނީ، އެކަމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ގޮތްތަކާއި އިރުޝާދުތަކާ އެއްގޮތަށް ހުންނަ ލިޔުންތަކާއި ޑޮކިއުމަންޓްތަކެވެ. އެފަދަ ރިކޯޑުގެ ގޮތުގައި މަދުވެގެން ހުންނަންވާނެކަމަށް ބެލެވޭ ލިޔުންތައް ތިރީގައި މިވަނީއެވެ.

    1. ޕްރޮކިއުމަންޓްގެ ކަންކަމުގައި ބޭނުންކުރާ މުހިންމު ކަރުދާސްތަކުގެ ތެރޭގައި ހިމެނޭ ދަޢުވަތުދިނުމުގެ ލިޔުމާއި، އެންގުންތަކާއި، ލިބިފައިވާ ބީލަންތަކާއި، ވަޒަންކޮށްފައިވާ ރިޕޯޓުތަކާއި، ބީލަން ގަބޫލުކުރިކަމުގެ ސިޓީއާއި، އެއްބަސްވުމުގެ ލިޔުންތަކާއި، އެއްބަސްވުމަށް ބަދަލެއް ގެނެވިފައިވާނަމަ އެ ލިޔުން
    2. ޕްރޮކިއުމަންޓާގުޅޭ ފަރާތްތަކުގެ މަޢުލޫމާތާއި، ބޭއްވިފައިވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ
    3. ހުއްދަދިނުމުގެ އިޚުތިޔާރު ދެވިފައިވާ ފަރާތްތަކުގެ ނިންމުންތަކާއި، އެ ބީލަމާ ގުޅޭ އެހެނިހެން ހުއްދަތައް